މޯލްޑިވިއަން ފްލައިޓްތަކުން އަލްކަހޯލް ސާވްކުރަން ތައްޔާރުވާކަމަށް ބުނެ ދެކެވެނީ ދޮގު ވާހަކަތެއްކަމަށް އެ އެއާލައިނުން ބުނެފިއެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަނުން ފްލައިޓްތަކުގައި ފަސިންޖަރުންނަށް އަލްކަހޯލް ނުވަތަ ރާ ވިއްކަން ފަށަން ނިންމާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ވާހަކަތަކެެއް ދައުރުވަމުންނެވެ. އެގޮތުން ކެބިން ކުރޫންނަށް މިކަން އަންގާފައިވާކަމަށްވެސް ސޯޝަލް މީޑިއާގައި މި ވާހަކަ ހިއްސާކުރި ފަރާތަކުން ބުނެފައިވެއެވެ.
މި ވާހަކަތައް ދައުރުވެފައިވަނީ މި މަހު 17ގައި މޯލްޑިވިއަނުން މާލެއިން އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް ފަށަން އުޅޭއިރު އެ ފްލައިޓްތަކުގައި ފަސިންޖަރުންނަށް ރާ ވިއްކަން އުޅޭ ކަމަށް ބުނެއެވެ.
ނަމަވެސް މި ވާހަކަތަކަށް ރައްދުދެމުން މޯލްޑިވިއަނުން ބުނީ އެ އެއާލައިންގެ ފްލައިޓްތަކުން އަލްކަހޯލް ސާވްކުރަން ތައްޔާރުވާކަމަށް ބުނެ ދެކެވެނީ ދޮގު ވާހަކަތެއްކަމަށާއި، ސައްހަކަން ކަށަވަރު ނުވާ މިފަދަ މައުލޫމާތު ނުފެތުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އޮސްޓްރޭލިއާއި ދިވެހިރާއްޖެއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު ފަހުމުނާމާ (އެމްއޯޔޫ)އެއްގައި ސޮއިކޮށްފައިވާއިރު، މީގެ ސަބަބުން އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރުމުގެ ފުރުސަތު ފަހިވެ، ފަތުރުވެރިކަމާއި، ވިޔަފާރީގެ ދާއިރާއިން އާ ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެއިތުރުން މޯލްޑިވިއަނުން އަންނަނީ ޗައިނާގެ އެކި ސިޓީތަކަށާއި ބަންގްލަދޭޝްގެ ޑާކާއަށް ކޮންމެ ހަފުތާއަކު ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އަދި ސްރީލަންކާއާއި މެލޭޝިއާގެ އިތުރުން ސައުދި އަރަބިއްޔާއަށް ވެސް އެކި ދުވަސްވަރު މަތިން މޯލްޑިވިއަންގެ ފްލައިޓްތައް ދަތުރުކުރެއެވެ.
