ސަލްޓަން ޕާކު މަރާމާތުކުރުމަށް ޓަކައި ވަގުތީ ގޮތުން އެ ސަރަހައްދު ބަންދުކުރަން ނިންމާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތައް 3 މެއި އިން ފެށިގެން ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.
އެހެންކަމުން މި މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި ސަލްޓަންޕާކު ސަރަހައްދު އާންމުންނަށް ވަގުތީގޮތުން ބަންދުވާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މިނިސްޓްރީން ވަނީ މިކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކާ މައާފަށް އެދިފައެވެ.
މަރާމާތުގެ މަސައްކަތްތަކަށް ސަލްޓަން ޕާކު އަދި ޖުމްހޫރީ މައިދާން ބަންދު ކުރީ މިދިޔަ އަހަރު އޮގަސްޓް މަހުގެ ތެރޭގައެވެ. މަރާމާތު ކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި ސަލްޓަން ޕާކުގެ ވިއު ސްޓްރަކްޗާ އާއި ޓްރީ ހައުސް އަދި ޕާކުގެ ވޯކްވޭތަކުގެ އިތުރުން ކުޑަކުދިން ކުޅޭ ސަރަހައްދު ހިމެނެއެވެ.
މަރާމާތަށް ބަންދުކޮށްފައިވާ ސަލްޓަން ޕާކު މި އަހަރުގެ ފިތުރު އީދު ދުވަހު ހުޅުވާ ތިން ދުވަހަށް ގައުމީ ފެންވަރުގައި ވަނީ ފާހަގަވެސް ކޮށްފައެވެ. މި ޕާކު ސަރަހައްދު މިހާރު ބަންދުކުރަން ނިންމާފައިވަނީ މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތަކެއް ކުރުމަށްޓަކައެވެ.
ސަލްޓަންޕާކު އަލުން ތަރައްގީކުރަނީ ރާއްޖޭގެ ތާރީހު ދައްކުވައިދޭ ގޮތަށްކަމަށާއި ޕާކުގެ މަސައްކަތް ނިމޭއިރު އެ ތަނުގައި ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ ގޮތް ހަމަޖައްސައިދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
