ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ސަލްޓަންޕާކުގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ރަސްމިއްޔާތުގައި ގަހެއް އިންދަވައިފިއެވެ.
މި ރަސްމިއްޔާތުގައި ސްރީލަންކާގެ ރައީސް އަރިހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގެ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" ގެ ދަށުން، ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކަ، އިންދެވީ މޫނިމާ ގަހެކެވެ. މި ހަރަކާތަކީ ދެ ގައުމުގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއި ތިމާވެށި ހިމާޔަތް ކުރުމުގައި ދެ ގައުމު ހިއްސާކުރާ ޒިންމާގެ ރަމްޒެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ.
ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ، ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނު މަހާމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިދަތުރުފުޅަކީ މިމަހުގެ 28 އިން 30 ގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒާ އެކު ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރަސްމީ މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެއެވެ. ޑިސަނަޔަކެ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމު ކުރިތާ 60 އަހަރު ފުރުމާ ދިމާކޮށެވެ.
ދާދިފަހުން ދިވެހިރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ވަނީ ފްރީ އިކޮނޮމިކް ޒޯނެއް އަދި ފްރީ މޫވްމަންޓް ޒޯނެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ. ފްރީ އިކޮނޮމިކް ޒޯނުގެ ސަބަބުން ދެ ގައުމުގެ މެދުގައި އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ މުދަލަށް ވަރަށް ބޮޑެތި ޓެކްސް ލުއިތަކެއް ލިބޭނެ އެވެ. ފްރީ މޫވްމަންޓް ޒޯނުގެ ސަބަބުން، ބޯޑާ ކޮންޓްރޯލަށް ލުއިތަކެއް ލިބި، އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގައި ވެސް ލިބިގެންވާނެއެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 29، 1965 ގަ އެވެ.