ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަކީ ފައިސާ ދީގެން ހޯދޭނެ އެއްޗެއް ނޫން ކަމަށާއި، އެފަދަ ސްކޭމްތަކުގައި ޖެހިގެން އެއްވެސް ރައްޔިތަކަށް ފައިދާއެއް ނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު އިމްރާން ވަނީ 2023 ވަނަ އަހަރު ހުޅުވާލި މަޝްރޫއުގައި ފޭކް ލިޔެކިޔުންތައް އުފައްދައިގެން ފްލެޓަށް ކުރިމަތިލާފައިވާ މައްސަލަތަކެއް ފާހަގަކުރައްވައި، މި ސަރުކާރުގެ މަޝްރޫއުތަކުގައި އެފަދަ ކަންކަމަށް ފުރުސަތު ނޯންނާނެ ކަމުގެ ޔަގީންކަމަކަށް އެދިވަޑައިގެންފައެވެ.

މިކަމާ ގުޅިގެން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ވަކި މީހަކަށް ގުޅައިގެން ނުވަތަ ފައިސާ ދީގެން ފްލެޓް ހޯދުމުގެ އެއްވެސް ފުރުސަތެއް މިހާރު ނޯންނާނެ ކަމަށެވެ. އަދި މިހާރުވެސް މިފަދަ ސްކޭމްތައް ހިންގަމުންދާކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށާއި، އެތައް ބަޔަކު ފައިސާ ހަރަދުކޮށްގެން ބޮޑެތި ލަނޑުތައް ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އާދޭހާއެކު މި ދަންނަވަނީ އެއްވެސް މީހަކު ފައިސާއެއް ހުށަހެޅިއަކަސް، ފައިސާއަށް ފްލެޓް ދޭނަމޭ ބުނެ ހުށަހެޅިއަކަސް އޭގައި ޖެހިވަޑައިނުގަންނަވާށޭ. އެއެއް ނުލިބޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރު ކުރިއަށްދާ ވެރިފިކޭޝަން މަރުހަލާގައި މައުލޫމާތުގެ ސައްހަކަން ބެލުމަށް ރަށްރަށުންނާއި ދާއިރާތަކުގެ މެންބަރުންގެ އެހީތެރިކަން ހޯއްދަވާނެ ކަމަށެވެ. ޚާއްސަކޮށް މާލޭގައި ދިރިއުޅުނު މުއްދަތު ސާފުކުރުމަކީ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވައި، އެކަން ކުރިއަށް ގެންދާނީ ވަރަށް ބޮޑަށް ބަލައި ސާފުކޮށްގެން ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ވަރަށް އިންސާފުވެރިކަމާއެކު އެންމެ ހައްގުވެރި ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށާއި، އެޕްލިކޭޝަން ހުށަހަޅާއިރުވެސް އަމިއްލައަށް ޕޮއިންޓް ފެންނާނެ އިންތިޒާމް ހަމަޖައްސާފައިވަނީ އެ ސަބަބަށްޓަކައި ކަމަށްވެސް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.