ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ މައުލޫމާތު ރަނގަޅުކުރުމަށް ދީފައިވާ މުއްދަތު ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން އިތުރުކޮށްދީފިއެވެ.
މިނިސްޓްރީން މިހާރު ކުރިއަށްގެންދާ ފޯމުތައް ޗެކްކުރުމުގެ މަރުހަލާގައި، އެޕްލިކޭޝަނާ ގުޅިގެން ފޮނުވާފައިވާ ނޯޓިސްތަކުގައިވާ މަޢުލޫމާތުގައި ކުށެއް އުޅޭނަމަ އެކަން ސާފުކޮށްދިނުމަށް ކުރިން ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް، އާންމުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން މި މުއްދަތު މިހާރު ވަނީ 21 ދުވަހަށް އިތުރުކޮށްދީފައެވެ.
މިގޮތުން ދެވުނު 21 ދުވަހުގެ ތެރޭގައި އެދިފައިވާ ލިޔެކިޔުންތައް ހުށަނާޅައިފިނަމަ ނުވަތަ ޖަވާބުދާރީ ނުވެވިއްޖެނަމަ، އެ ފޯމަކީ ޝަރުތު ހަމަނުވާ ނުވަތަ ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ކަނޑައަޅާނެކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
މި ސްކީމާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ސާފުކޮށްދިނުމަށްޓަކައި މިނިސްޓްރީން މިހާރު ވަނީ އެހީތެރިކަން ފޯރުކޮށްދޭ ޑެސްކަކާއި ކޯލް ސެންޓަރެއް ވެސް ގާއިމުކޮށްފައެވެ. އެގޮތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 3:00 އާ ހަމައަށް 900-4004 އަށް ގުޅައިގެން މަޢުލޫމާތު ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ޖުމްލަ 58،505 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލެޓަށް އެދި ހުށަހެޅި 35،930 އެޕްލިކޭޝަނާއި، ގޯއްޗަށް އެދި ހުށަހެޅި 22،575 އެޕްލިކޭޝަނެވެ.
