ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށްޓަކައި، މިނިސްޓްރީ އޮފް ހައުސިންގް، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާއްސަ ވައިބާ ކޮމިއުނިޓީ ގްރޫޕްތަކެއް ތައާރަފް ކޮށްފިއެވެ.

މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މިގޮތަށް ވައިބާ ކޮމިއުނިޓީތައް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއި މަޝްރޫއުތަކާ ގުޅޭ މައުލޫމާތުތައް އެއްވެސް އޮޅުމެއް ނެތި، ސީދާ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން އެކި މަޝްރޫއުތަކަށް ހާއްސަކޮށްގެން ޖުމްލަ 4 ކޮމިއުނިޓީއެއް މިހާރު ވަނީ އުފައްދާފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ހާއްސަކޮށްގެން އުފައްދާފައިވާ ތިން ކޮމިއުނިޓީއަކީ:

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތާ ގުޅޭ އާންމު މައުލޫމާތުތައް ހިއްސާކުރުމަށްޓަކައި "ބޯހިޔާވަހިކަން އެންމެންނަށް" ނަމުގައި ވަކި ކޮމިއުނިޓީއެއްވެސް ވަނީ ހުޅުވާލާފައެވެ.

މި ވައިބާ ކޮމިއުނިޓީތައް މެދުވެރިކޮށް، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ އެންމެ ފަހުގެ އިއުލާނުތަކާއި، ގޯތިތަކުގެ އިންވަކިކުރުމާއި، އެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާ މިންވަރުގެ ތަފްސީލީ އަދާހަމަތައް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެއެވެ. މިއީ ސަރުކާރުގެ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ މިނިސްޓްރީން ފާހަގަކުރެއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން 7،900 ފްލެޓާއި 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ޖުމްލަ 7،900 ފްލެޓު ދިނުމަށް ނިންމާފައި ވާއިރު އޭގެތެރެއިން 4،000 ފްލެޓު ދިނުމަށް ހަމަޖެހިފައި ވަނީ މާލޭގެ ރަށްވެހިންނަށެވެ.

އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ޕްލެޓު ދިނުމަށް ނިންމާފައި ވާއިރު ބާކީ 2،400 ފްލެޓު ދިނުމަށް ނިންމާފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ހާއްސަ ކެޓަގަރީތަކަށެވެ.