ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން، ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތާ މެދު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ އަންނަނީ ވަރަށް ބޮޑަށް ފަހަތަށް ސޮއްސައިލަމުން ކަމަށެވެ. މިއީ ރާއްޖޭގެ ނޫސްވެރިކަމަށް ލިބެމުންދާ ދެރައެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހަބަރުތަކުގެ މަސްދަރު ހާމަކުރަން ނޫސްވެރިންނަށް މަޖުބޫރުކުރުމާއި، "މީޑިއާ ކޮންޓްރޯލް ކޮމިޝަން" މެދުވެރިކޮށް ނޫސްވެރިންނަށް ބިރުދެއްކުމަކީ މިހާރު އާންމު ކަމަކަށް ހަދާފައިވާ ކަމަށެވެ. މިފަދަ ކަންކަމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި، މިނިވަންކަމާއެކު މައުލޫމާތު ފެތުރުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމުގައި ދޫދިނުމަކީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

މީގެ އިތުރުން، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ އެންމެހައި ނޫސްވެރިންނަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުއްވާފައެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތާ މެދު ކުރީގެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު އާންމުކުރާ 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް' ގައި މި އަހަރު ރާއްޖެ އޮތީ 108 ވަނައިގައެވެ. އެއީ މިދިޔަ އަހަރަށް ވުރެ 4 ދަރަޖަ ދަށްވުމެކެވެ. މީގެ އިތުރުން، ރާއްޖޭގެ ޖުމްލަ ސްކޯ ވެސް ވަނީ 52.46 އިން 49.23 އަށް ދަށަށް ގޮސްފައެވެ. މި އަހަރު ރާއްޖެ ދަށަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ދިޔަ ސަރުކާރުގައި ހެދި ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިންގެ މަސްދަރު ހަމާކުރަން މަޖުބޫރުވާ ގޮތަށް ހިމެނި މާއްދާ އިސްލާހު ނުކުރުމާއި މީޑިއާތައް ކޮންޓްރޯލްކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ގާނޫނެއް ހެދުން ހިމެނެއެވެ.