ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް އދ. މަންދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް ހޮވުނު ޝަހީމާ ޝިހާބު ޕީއެންސީއަށް ސޮއި ކޮށްފިއެވެ.
މި ކަން މިއަދު އިއުލާންކޮށްފައި ވަނީ ޕީއެންސީން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، މާންދޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި ޝަހީމާ ޕީއަންސީއަށް ސޮއިކުރެއްވުން މިއަދު އޮންނާނެ ކަމަށެވެ. އަދި ޝަހީމާ ޕީއެންސީއާ ގުޅިވަޑައިގަތުމަށް ނިންމެވުމުން ޕާޓީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހޫނު މަރުހަބާއެއް ދަންނަވާފައިވާ ކަމަށް ފަލާހް ވިދާޅުވިއެވެ.
ޕީއެންސީއާ ސޮއި ކުރުމަަށްފަހު ޝަހީމާ ބުނީ، އޭނާ އެމްޑީޕީ ދޫކޮށް ޕީއެންސިއާ ގުޅުނީ އެރަށަށް ތަރައްގީ ގެނައުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ. އޭނާ އަކީ އަބަދުވެސް ރަށުގެ ތަރައްގީއަށް މަސައްކަތް ކުރަން ބޭނުންވާ ފަރާތެއް ކަމަށާއި މި ނިންމުން ނިންމީ އެގޮތުގެ މަތިން ކަމަށް އޭނާ ބުނެއެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާންދޫ ކައުންސިލްގެ އަންހެން ގޮނޑިއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރި ޝަހީމާ އެ ގޮނޑި ކަމިޔާބު ކޮށްފައި ވަނީ 150 ވޯޓާއެކުގައެވެ. އަދި އިންތިހާބުގައި އޭނާއާ ވާދަކުރި ޕީއެންސީ ކެންޑިޑޭޓް އައިޝަތު ޝެހެނާޒަށް ވަނީ 112 ވޯޓު ލިބިފައެވެ.
ޝަހީމާ ޕީއެންސީއާ ގުޅިފައިވާ އިރު މިހާރު މާންދޫގެ މެޖޯރިޓީ މި ވަނީ ޕީއެންސީއަށް ލިބިފައެވެ. ކައުންސިލަށް ހޮވުނު މެންބަރުންގެ ތެރޭގައި ޝަހީމާގެ އިތުރުން ހިމެނެނީ ޕީއެންސީ ޓިކެޓުގައި ވާދަކުރި އައްބާސް ސައުދުއެވެ.
