ތ. ގުރައިދޫ އެއާޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ 78 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
ގުރައިދޫ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 16 ނޮވެމްބަރު 2024 ގައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ މަޝްރޫއުގެ ޓީމާއި ބޭނުންވާ ސާމާނު ސައިޓަށް ގެންގޮސްފައިވަނީ 26 ޑިސެމްބަރު 2024 ގައި ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އަދި މިހާތަނަށް މަޝްރޫއުގެ 78 އިންސައްތަ ނިންމާލެވިފައިވާކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ. މި މަޝްރޫއުގެ ދަށުން 13.80 ހެކްޓަރުގެ ބިން ހިއްކުމާއ،ި 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރެވެޓްމެންޓެއް ޖެހުމާއ،ި 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 106.02 މިލިއަންރުފިޔާގެ މަޝްރޫއެކެވެ.
ގުރައިދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެއާޕޯޓުގެ މަސައްކަތް ބަޖެޓުގައި ނެތް ނަމަވެސް އެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް އެމަނިކުފާނު އޮތީ ވައުދުވެވަޑައިގެންފަ އެވެ.
2,272 މީހުންގެ އާބާދީއެއް އޮންނަ ތ. ގުރައިދޫ އަކީ އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރި ކުރުމަށްޓަކައި ޒިޔާރަތްކުރަމުން އަންނަރަށެކެވެ. މި ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި މަސްވެރިކަމާއ،ި ދަނޑުވެރިކަމާއ،ި ފަން ވިޔުމުގެ އިތުރުންފަތުރުވެރިކަމުގެ ދާއިރާގައިވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
ގުރައިދޫގައި ގިނަ އަދަދެއްގެ ފިހާރަތަކާއި އެކި ކަހަލަވިޔަފާރިތައް ކުރިޔަށް ދާތ،ީ މި ރަށް ވެފައިވަނީ މި ހިސާބުގެ ވިޔަފާރީގެ ހަބަކަށެވެ. ރަށުގައި އެއާޕޯޓެއް އޮތުމަކީ އެ ރަށު ރައްޔިތުންގެ ދުވަސްވީ ބޮޑު ހުވަފެނެކެވެ.
