މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފުންގެ ގޮތުގައި 'ވޯކް ފްރޮމް ހޯމް' ނުވަތަ ގެއިން މަސައްކަތް ކުރާ މުވައްޒަފުންް ވެސް އެބަތިބިކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެެ.
އެމްއޭސީއެލް އޮފީހަށް ވަޒީފާއަށް ނުނިކުމެ ގޭގައި ތިބެގެން ބޮޑު މުސާރަ ލިބޭ ބަޔަކު ތިބިކަމަށް ބުނެ ދާދި ފަހުން ސޯޝަލް މީޑިއާގައި ވަނީ ލިސްޓެއް އާންމުވެފައެވެ. މި ލިސްޓުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅެމުން އަންނަ މީހުންވެސް ހިމެނޭ އިރު އެމްއޭސީއެލް އިން މީގެ ކުރިން ވަނީ މިއީ ސައްހަ ލިސްޓެއް ނޫންކަމަށް ބުނެފައެވެ.
މިއަދު ރައީސް އޮފީހުގައި، ރައީސް މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުކުރެއްވުމަށްފަހު، އެ އޮފީހުގެ ބޭރުން ޝަރީފް އާއި ބައްދަލުވެ ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ. އެގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ޝަރީފް ވިދާޅުވީ އެމްއޭސީއެލްއަކީ ބޮޑު ކުންފުންޏެއް ކަމަށާއި އެ ކުންފުނިން މިހާރު އިތުރު މަސައްކަތްތައް ވެސް ކުރާ ކަމަށެވެ. އެހެންވެ، ކުންފުނީގައި މުވައްޒަަފުން ވެސް އިތުރު ވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެމްއޭސީއެލްގެ މުވައްޒަފުންގެ ތެރޭ ގެއިން މަސައްކަތް ކުރާ މީހުން ވެސް ހިމެނޭކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ކުންފުނީގެ ޖުމްލަ މުވައްޒަފުންގެ އަދަދު 5،000އަށް ވުރެ އިތުރުވާނެ ކަމަށެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ މިހާރު ފިނޭންސް މިނިސްޓްރީ އާއި ޕީސީބީން އަންގައިގެން ރައިޓް ސައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް ޝަރީފް ހާމަކުރައްވާފައެއް ނުވެއެވެ.
