މިއަހަރުގެ ހޫނު މޫސުމާ ދިމާކޮށް ސްވިޒަލެންޑްގެ އެޑެލްވައިސް އެއާއިން ދިވެހިރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ނިންމުމަކީ ކުރިއަށް އޮތް ހޫނު މޫސުމުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

އެޑެލްވައިސް އެއާއިން މިހާރުވެސް ރާއްޖެއަށް ކުރަމުން އަންނަ ޝެޑިއުލް ދަތުރުތަކުގެ އިތުރަށް، މިއަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހަފުތާއަކު އިތުރު ދެ ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް ކުރާނީ ކޮންމެ ހަފުތާއެއްގެ ބުދަ އަދި ހޮނިހިރު ދުވަހުއެވެ.

އެމްއޭސީއެލް އިން މައުލޫމާތު ދޭ ގޮތުގައި، މި މުއްދަތުގެ ތެރޭގައި އެޑެލްވައިސް އެއާއިން ރާއްޖެއަށް ޖުމްލަ 21 އިތުރު ދަތުރު ކުރާނެއެވެ. މިއީ ޔޫރަޕްގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ދަށުން، މިފަދަ ބައިނަލްއަގްވާމީ އެއާލައިންތަކުން ދަތުރުތައް އިތުރުކުރުމަކީ އިޤްތިޞާދީ ގޮތުން ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

ސްވިޒަލެންޑްގެ ތިންވަނައަށް އެންމެ ބޮޑު އެއާލައިން ކަމަށްވާ އެޑެލްވައިސް އެއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްވީ ބައިވެރިއެކެވެ. އެ އެއާލައިނުން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ 4 ނޮވެންބަރު 2000 ގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ 2025 ވަނަ އަހަރަކީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 25 އަހަރު ފުރުނު ރިހި ޔޫބީލް އަހަރެވެ.

މި އިތުރު ދަތުރުތަކާއެކު، ސްވިޒަލެންޑާއި ރާއްޖެއާ ދެމެދު އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ދިރުމެއް ލިބިގެންދާނެއެވެ.