ކުޅިވަރު ވަޒީރުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް މައުރޫފް އަހުމަދު (މާއްޓޭ) އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަގާމަށް ކުރީގެ އެތުލީޓް، މުހައްމަދު ހާނިމް ހަމަޖައްސައިފިއެވެ.

މިއީ ކުޅިވަރުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން، ގެނެވުނު ބަދަލެކެވެ. އެގޮތުން މާއްޓޭ އައްޔަންކުރައްވާފައިވަނީ "ސްޕެޝަލް އެޑްވައިޒަާ ޓު ދަ މިނިސްޓާ އޮން ސްޕޯޓްސް ޑީސެންޓްރަލައިޒޭޝަން"ގެ މަގާމަށެވެ. އަދި ހާނިމް އައްޔަން ކުރައްވާފައި ވަނީ ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ "ޑެޕިއުޓީ ކޮމިޝަނާ އޮފް ސްޕޯޓްސް"ގެ މަގާމަށެވެ.

ހާނިމް އަކީ މީގެ ކުރިންވެސް ސްޕޯޓްސް މިނިސްޓްރީގައި މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ. ހާއްސަކޮށް އެތުލެޓިކްސްގެ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ހާނިމް މިހާރުވެސް ގެންދަވަނީ ސްކޭޓިން އެސޯސިއޭޝަނުގެ ރައީސްގެ މަގާމު ފުރުއްވަމުންނެވެ.

ހާނިމަކީ 1988 ވަނަ އަހަރުގެ ސޯލް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރި އެތުލީޓެއްގެ އިތުރުން، އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނަވާ ރާއްޖޭގެ އެތުލެޓިކްސް އާ އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރެއްވި ފަރާތެކެވެ. މީގެ އިތުރުން ވެސް އޭނާ ވަނީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމާއި، 2005 ގެ އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދި ނިއު ރޭޑިއަންޓުގެ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ކޮށްފައެވެ.

އެ މިނިސްޓްރީގެ ސްޕެޝަލް އެޑްވައިޒަރު ކަމަށް ހަމަޖެއްސި މާއްޓޭ އަކީ ދިވެހި ފުޓްބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އެއް ކީޕަރުގެ އިތުރުން، ކޯޗިން އާއި ހިންގުމުގެ ދާއިރާގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ހަމަ އެހެންމެ އޭނާ ވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ފުރުއްވާފައެވެ.