ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ކަންކަން ދެނެގަތުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކުރި ދިރާސާ ރިޕޯޓު އާންމުކޮށްފިއެވެ.

އޭސީސީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުޅިވަރު އެސޯސިއޭޝަންތަކަށް ދައުލަތުން ފައިސާ ދޫކުރަނީ ހަތަރު ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން 2024 ވަނަ އަހަރު ކޮންމެ އެސޯސިއޭޝަނަކަށް މަދުވެގެން ފަސް ލައްކަ ރުފިޔާ ދޫކުރަން ނިންމާފައިވާއިރު، ގިނަ ޖަމިއްޔާތަކުން އަހަރީ މާލީ ރިޕޯޓު ހުށަނާޅާ ކަމަށް އޭސީސީން ފާހަގަކުރިއެވެ. ރިޕޯޓު ހުށަނޭޅުމުން އަންނަ 500 ރުފިޔާގެ ޖޫރިމަނާއަކީ ކުޑަ އަދަދަކަށް ވުމުން، ގަވާއިދަށް އަމަލުކުރުން ވަނީ ކުޑަވެފައެވެ.

މީގެ އިތުރުން، ބައިނަލްއަގްވާމީ ފަރާތްތަކުން ދޭ ސްޕޮންސާޝިޕް ފައިސާ އާއި އެހީތައް ރަސްމީކޮށް ރެކޯޑުކުރެވިފައި ނުވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކޮރަޕްޝަންގެ މައްސަލަތައް ހާއްސަ ގޮތެއްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން ފީފާ އާއި އޭއެފްސީން ދިން ފައިސާ އެފްއޭއެމްގެ ވެރިންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށް، މަނީ ލޯންޑަރކޮށްފައިވާ ކަމަށާއި، ރެފްރީންނާއި ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަތައް ރިޕޯޓުގައި ހިމަނާފައިވެއެވެ.

ހަމަ އެހެންމެ މާލީ މައްސަލަތަކުގެ އިތުރުން، ރާއްޖޭގައި ހިންގާ ކުޅިވަރު އެކަޑަމީތައް ރެގިއުލޭޓްކުރެވިފައި ނުވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އަދި އެކަޑަމީތަކުގައި ކޯޗުންގެ ފެންވަރާއި، ކުޑަކުދިންގެ ރައްކާތެރިކަމާއި، ވަސީލަތްތަކުގެ މިންގަނޑުތަކެއް ކަނޑައެޅިފައި ނުވުމަކީ ކުދިންނަށް އަނިޔާ ލިބުމުގެ ފުރުސަތި އޮތް ކަމެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ބައެއް އެކަޑަމީތަކުން ކުޅިވަރު ކޯޓުތަކާއި ދަނޑުތައް ކުއްޔަށް ދީގެން ވިޔަފާރި އުސޫލުން ފައިސާ ހޯދަމުންދާއިރު، އެ ފައިސާ އެސޯސިއޭޝަންތަކަށް ނުވަންނަ ކަމުގެ ޝަކުވާތައް ވެސް އޭސީސީއަށް ވަނީ ހުށަހަޅާފައެވެ. ހަމައެއާއެކު، ކުޅިވަރު ޖަމިއްޔާތަކުގެ އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް ފައިސާ ބޭނުންކުރާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އެފްއޭއެމްގެ އިންތިހާބުގައި އެއް ކުލަބަކުން ގިނަ ކެންޑިޑޭޓުންނަށް ތާއީދުކުރުމާއި، ވޯޓު އޮޅުވާލުމުގެ ފުރުސަތު އޮތްކަން އޭސީސީން ފާހަގަކުރިއެވެ. މީގެ އިތުރުން، ބައެއް އެސޯސިއޭޝަންތަކުން ވަކި ފަރާތްތަކަކަށް މަންފާ ހޯދައިދިނުމަށްޓަކައި ގަވާއިދުތަކާ ހިލާފަށް އަމަލުކުރާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކުޅިވަރުގެ ނިޒާމުގައި ހުރި މި މައްސަލަތައް ހައްލުކުރުމަށް އޭސީސީން ހުށަހެޅި އިސްލާހުތައް:

  • ކުޅިވަރު އެސޯސިއޭޝަންތަކާއި ޖަމިއްޔާތަކަށް ލިބޭ އާމްދަނީ އާއި ހަރަދުތައް ހާމަކުރުން ގާނޫނުން ލާޒިމުކުރުމަށާއި، މިނިވަން އޮޑިޓްތަކެއް ކުރުމަށްފަހު މާލީ ބަޔާންތައް ވެބްސައިޓުގައި ޝާއިއުކުރުން
  • އެކަޑަމީތައް ރެގިއުލޭޓްކުރުމަށް ހާއްސަ މިންގަނޑުތަކެއް ކަނޑައަޅައި، ކޯޗުންނާއި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުން
  • ކުޅިވަރު ސްކޮލާޝިޕްތައް ދިނުމުގައި ދެފުށް ފެންނަ އިންސާފުވެރި ނިޒާމެއް ގާއިމުކުރުމަށާއި، ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ލިބިދީފައިވާ ބާރުތައް ފުރިހަމައަށް ތަންފީޒުކޮށް، ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ނިޒާމު ހަރުދަނާކުރުން

އޭސީސީން ބުނި ގޮތުގައި، މި އިސްލާހުތައް ގެނައުމަކީ ކުޅިވަރުގެ ދާއިރާގައި ހުރި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވައި، ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ދައުރު ފުޅާކޮށް، ކުޅިވަރު ޖަމިއްޔާތައް މޮނިޓަރކުރުމުގެ ބާރު އިތުރުކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

އަދި މި ދިރާސާގެ މައިގަނޑު މަގުސަދަކީ ކުޅިވަރު ޖަމިއްޔާތަކަށް ދައުލަތުން ދޭ ފައިސާ ބޭނުންކުރާ ގޮތް ބަލައި، ކުޅިވަރާ ބެހޭ ވުޒާރާއިން އެ ޖަމިއްޔާތައް ޖަވާބުދާރީކުރުވުމަށް އޮތް ގާނޫނީ އޮނިގަނޑު އިސްލާހުކުރުމަށް ލަފާދިނުން ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.