ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ހުޅުމާލޭ ސިންތެޓިކް ޓްރެކް، ޕީޔޫ (ޕޮލިއުރެތޭން) ޓްރެކަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަސައްކަތަކީ ދުނިޔޭގެ އެތުލެޓިކްސްގެ މައި އިދާރާ (ވޯލްޑް އެތުލެޓިކްސް) ގެ މިންގަނޑުތަކަށް ފެތޭ ފެންވަރަށް އެތަން ތަރައްގީކުރުމަށްޓަކައި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓްރީއިން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
ހުޅުމާލޭގައި މިހާރު އޮތް ސިންތެޓިކް ޓްރެކް ޕީޔޫ ޓްރެކަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް އޮކްޓޫބަރު މަހުގެ ތެރޭގައި ފައްޓަވާނެކަން، ކުޅިވަރާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއު އިއުލާންކުރެއްވީ ނިމިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ސަރުކާރުގެ "އަހާ" ފޯރަމުގައެވެ.
މިނިސްޓަރުންނާ ސުވާލުކުރުމަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އެ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، ހުޅުމާލޭގައި މިހާރު ބޭނުންކުރަމުންދާ ޓްރެކަކީ ބައިނަލްއަގުވާމީ ސްޓޭންޑަޑްތަކަށް ފެތޭ ޓްރެކެއް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިވެހި އެތުލީޓުން އެ ޓްރެކުގައި ގައުމީ ފެންވަރުގެ ރެކޯޑެއް ހެދި ނަމަވެސް، ވޯލްޑް އެތުލެޓިކްސްގެ ގަވާއިދު އޮންނަ ގޮތުން އެ ރެކޯޑުތައް ބަލައިނުގަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ޓްރެކް ބައިނަލްއަގުވާމީ މިންގަނޑަށް ބަދަލުކުރުމަކީ ދިވެހި ކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި މަޝްރޫއުގެ ތަފުސީލު ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ޓްރެކް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މި މަހު ފެށުނު ނަމަވެސް، އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެއްކޮށް މަސައްކަތް ނިންމައި އެތުލީޓުންނަށް ބޭނުންކުރެވޭވަރު ކުރުން ކަމަށެވެ.
މީގެއިތުރުން، ޓްރެކް ޕީޔޫ ޓްރެކަކަށް ބަދަލުކުރުމަށް ބޭނުންވާ ހުރިހާ ސާމާނަކަށް މިހާރު އޯޑަރު ދެވިފައިވާ ކަމަށާއި، އެތަނުގެ ހުރިހާ ތަފުސީލީ ކުރެހުންތަކެއްގެ މަސައްކަތްވެސް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓްރީއިން މައުލޫމާތު ދެއެވެ.
މި މަޝްރޫއު ނިމިގެންދާއިރު، ރާއްޖޭގެ އެތުލެޓިކްސް ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭ ޒަމާނީ ވަސީލަތްތަކާއެކު ފަރިތަކުރުމުގެ ފުރުސަތު ފަހިވެ، ބައިނަލްއަގުވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
