ރާއްޖޭގެ ތިން ރަށެއްގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއިން މެގަލިންކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އަރިއަތޮޅު އުތުރުބުރީ މަތިވެރި، ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ އަދި މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލުގައެވެ. މި ތިން ރަށުގެ ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގައި ބާއްވާފައެވެ.

ބ.ކުޑަރިކިލު ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓާ މުހައްމަދު ފަޔާޒުއެވެ. މަސައްކަތް ހަވާލުކުރި މެގަލިންކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖާ އިސްމާއިލް ޝާކިރުއެވެ.

މި މަޝްރޫއުގެ ދަށުން ކޮންމެ ރަށެއްގެ ހޭންޑްބޯލް ކޯޓު ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ 1,695,503.56 (އެއް މިލިއަން ހަލައްކަ ނުވަދިހަ ފަސްހާސް ފައްސަތޭކަ ތިން ރުފިޔާ ފަންސާސް ހަ ލާރި) އަށެވެ.

އއ. މަތިވެރީގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މެގަލިންކްސްއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ތިން ރަށުގައި ކޯޓު އަޅާ ނިންމާ ގޮތަށެވެ.

މި މަޝްރޫއުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ކުޅިވަރު ވަސީލަތްތައް ގާއިމުކޮށް، ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.