އިދިކޮޅު އެމްޑީޕީއަށް ދާއިމީ ޗެއާޕާސަންއެއް ހޮވުމަށް ބާއްވާ އިންތިހާބު އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބާއްވާ ގޮތަށް އެ ޕާޓީން ނިންމައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލް މަގާމުން މިދިޔަ ޑިސެމްބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ވަގުތީ ގޮތުން އެ މަގާމަށް ހޮވާފައިވަނީ ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްގަފޫރު މޫސާ (ގަޕޯ) އެވެ. އަދި ދާދި ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް އިސްކަން ދިނުމުގެ ގޮތުން، އެމްޑީޕީގެ ދާއިމީ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވުން ވަނީ ފަސްކޮށްފައެވެ.
އެއަށްފަހު އެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިއަދުން ފެށިގެން 02 މެއި 2026 ވާ ބުދަ ދުވަހުގެ 14:00 ހަމައަށް އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތުތަކަކީ:
- ޕާޓީގެ މެންބަރެއް ކަމުގައިވުން
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވުން
އަދި އިންތިހާބަށް ކުރިމަތިލާން އެދޭ ފަރާތްތަކުން، ގޫގުލް ފޯމް މެދުވެރިކޮށް ހުށަހަޅަން އެދިފައިވާއިރު ފޯމާއެކު ޑިޕާޓްމަންޓް އޮފް ޖުޑިޝަރީގެ ކުށާއި ދަރަނީގެ ރިކޯޑު އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑުވެސް ހުށަހަޅަންޖެހެއެވެ.
އެމްޑީޕީން ބުނި ގޮތުގައި މި އިންތިހާބު އޮންނާނީ 12 ޖޫން 2026 ވާ ހުކުރުދުވަހުގެ މެންދުރު 14:30އިން ރޭގަނޑު 20:00 އަށެވެ.
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުން އަލްހާން ފަހުމީވެސް ވާދަކުރައްވާކަން ވަނީ ހާމަކޮށްފައެވެ.
މީކާއިލް އާއި އަލްހާން ވެސް މިހާރު އަންނަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރުމަށް ކެމްޕެއިން ކުރައްވަމުންނެވެ.
ނަޝީދު ޗެއާޕާސަން ކަމަށް ވާދަކުރައްވާނެ ކަން އިއުލާންކުރެއްވީ "ބޮޑު ބަދަލު"ގެ ނަމުގައި ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގަ އެވެ. އަދި 2028 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ފައްޔާޒު ނެރެން ތާއީދު ކުރައްވާ ކަން ވެސް ނަޝީދު އިއުލާން ކުރެއްވި އެވެ.
ދާދި ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށްފަހު އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ގަޕޯ މަގާމުން ވަކިކުރަން ވެސް ބައެއް މެންބަރުން ނުކުތެވެ.
ޕާޓީގެ އެތެރޭގައި ގަޕޯއާ މެދު ހިޔާލު ތަފާތުވުން އުފެދުނީ އެ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަން ފުރުސަތު ނުދެއްވި މައްސަލައިގަ އެވެ. އެކަމާ ނުރުހުން ފާޅުކޮށް، ނަޝީދަށް ތާއީދުކުރާ ބައެއް އެކްޓިވިސްޓުން ޖަލްސާ ބޮއިކޮޓްކުރި އިރު ނަޝީދު ވެސް ޖަލްސާއަށް ވަޑައިގެންފައި ނުވެއެވެ.
އޭގެ ފަހުން، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން (މާލީ) އިބްރާހިމް ވަހީދާއި ލީގަލް ޑައިރެކްޓަރު އަހުމަދު މައުރޫފް ކުއްލި ގޮތަކަށް ވަކިކުރުމުން އިތުރަށް ހޫނުވެ، ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ހުށަހެޅިއެވެ.
