މާލޭގެ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށްނެގި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުހައްމަދު (47އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިއީ މި ވައްކަމުގެ މައްސަލައިގައި ހައްޔަރުކުރި ފަސްވަނަ މީހާއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި ބޮޑު ވައްކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ 17:49 އެހައިކަންހާއިރުއެވެ. ފުލުހުން މައުލޫމާތު ދޭގޮތުގައި، ވައްކަން ކުރި އެ އެޕާޓްމަންޓުން ޖުމުލަ 4،000,000 (ހަތަރު މިލިއަން) ދިވެހި ރުފިޔާ ވަގަށް ނަގާފައިވާއިރު، މިހާތަނަށް ފުލުހުންނަށް ހޯދިފައިވަނީ އޭގެ ތެރެއިން 50,000 (ފަންސާސް ހާސް) ރުފިޔާއެވެ.

މި މައްސަލައިގައި މީގެކުރިން ހަތަރު މީހަކު ހައްޔަރުކޮށް ބަންދުގައި ބައިތިއްބާފައި ވެއެވެ. އެއީ:

  • މުހައްމަދު ނޫރު އަހްމަދު (40އ)، ކަސްތޫރިމާގެ / ޅ. ނައިފަރު
  • މުހައްމަދު އަފްރާޙް (40އ)، މޫންލައިޓްވިލާ / ސ. މީދޫ
  • އިސްމާއީލް އާސިފް (36އ)، ދާރުލް އައްވަލް / ރ. މަޑުއްވަރި
  • އަހްމަދު ފާރިސް (39އ)، މ. އޭސިއާ / މާލެ

މި މައްސަލައިގައި ތުހުމަތުކުރެވޭ ފަސް މީހުންވެސް މިހާރު ތިބީ ފުލުހުންގެ ބަންދުގައެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. އަދި ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުންނެވެ.