މާލޭގެ ގެއަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ، މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކުރި މައްސަލައެއް މާޗް މަހުގެ 16 ވަނަ ދުވަހު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ވައްކަމުގައި ޖުމުލަ 4،000،000 (ހަތަރު މިލިއަން) ދިވެހި ރުފިޔާ ވަގަށް ނަގާފައިވެއެވެ. އެ ފައިސާގެ ތެރެއިން ހޯދިފައިވަނީ 50،000 (ފަންސާސް ހާސް) ދިވެހި ރުފިޔާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލާގައި ފަސް މީހަކަށް ތުހުމަތު ކުރެވޭއިރު އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް، މިވަގުތު ބަންދުގައި ތިބި އިރު، އެކަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންނަކީ:

  • ކަސްތޫރިމާގެ / ޅ.ނައިފަރު، މުހައްމަދު ނޫރު އަހުމަދު (40އ)
  • މޫންލައިޓްވިލާ / ސ.މީދޫ، މުހައްމަދު އަފްރާހް (40އ)
  • ދާރުލް އައްވަލް / ރ.މަޑުއްވަރި، އިސްމާއީލް އާސިފް (36އ)
  • މ. އޭސިއާ / މާލެ، އަހުމަދު ފާރިސް (39އ)

މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.