އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު, އޮޅުވާލައިގެން ޕީއެންސީ އަށް ވެއްދި ކަމަށް އެކަށީގެންވާ ހެއްކާއި ގަރީނާ ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.
ތޯރިގުގެ ނަމުގައި ވަގު ފޯމެއް ޕީއެންސީން އިލެކްޝަނަށް ހުށަހެޅީ 2024 ވަނަ އަހަރުއެވެ. އެ ފޯމު އިލެކްޝަނުން ބަލައިގަތްއިރު، އެ ފޯމުގައި ޖަހާފައި ވަނީ ވެސް ތޯރިގުގެ ފޮޓޯއެއް ނޫނެވެ. ނަމަވެސް އިލެކްޝަނަށް ހުށަހަޅާ ފޯމާއެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ޖެހެ އެވެ.
އެއާއެކު އޭނާ ފުލުހުގައި އެދިފައިވަނީ ވަގު ފޯމުގައި ޖަހާފައިވަނީ ކާކުގެ ފޮޓޯއެއް ކަމާއި، އޭގައި ސޮއިކޮށް، ފިންގަޕްރިންޓު ޖަހާފައިވާ މީހުންގެ އިތުރުން، ހެކީންގެ ގޮތުގައި ސޮއިކޮށް ފިންގަޕްރިންޓު ޖަހާފައިވަނީ ފޯމުގައި ބުނާ މީހުންކަން ހޯދައިދިނުމަށެވެ.
ނަމަވެސް އެ މައްސަލާގައި ފުލުހުން އިއްޔެ ތޯރިގަށް ދިން ޖަވާބުގައި ބުނީ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ އިތުރަށް ދިރާސާ ކުރިއިރު، ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތް ކަމަށެވެ. އެހެން ކަމުން ޕީޖީ އޮފީހުން އެ މައްސަލަ ބަލައިނުގަނެ ފޮނުވާލާފައިވާތީ "އިތުރަށް ފިޔަވަޅު ނާޅާ ގޮތަށް" ތޯރިގް ހުށަހެޅުއްވި މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ މެދު ޕީޖީން އަމަލު ކުރި ގޮތުން ކަންބޮޑުވުން ފާޅުކޮށް ތޯރިގް ބުނީ، ވަގު ލިޔުން ހުށަހަޅައިގެން ޕީ އެން ސީ އަށް މީހުން ވެއްދުމަކީ އެއްވެސް ފިޔަވަޅެއް އެޅޭނެ ކަމެއް ނޫން ކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ.
އަދި އިލެކްޝަންސް ކޮމިޝަންގަ ތިބި ވަގުންކަމަށް ތުހުމަތުކޮށް އޭނާ ވަނީ މިއީ ސަރުކާރު ޕާޓީއަށް މީހުން އިތުކޮށްދިނުމަށް ހިންގާ ޖަރީމާއެއް ކަމަށް ސިފަކޮށްފައެވެ.
ވަގު ފޯމުތަކުގެ މައްސަލަ ފެންމަތިވީ 2025 ވަނަ އަހަރު ވެރިކަންކުރާ ޕީއެންސީ އަށް މެންބަރުން އިތުރުކުރުމަށް ހިންގި ހަރަކާތް ކުރިއަށް ދަނިކޮށް އެމްޑީޕީގެ މެންބަރުންތަކެއް، އެ މީހުންނަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާކަން ތިލަވުމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ، ޕީއެންއެފް، ޑިމޮކްރެޓްސްގެ އިތުރުން އުވާލާފައިވާ ޕީޕީއެމްގެ މެންބަރުންވެސް އެ މީހުންނަށް ނޭނގި ޕީއެންސީގައި ދަފުތަރު ކޮށްފައިވާކަން ފެންމަތިވި އެވެ.
އެގޮތުން މިދިޔަ ސަރުކާރުގެ އާޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ތޯރިގުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވެސް އޮތީ ޕީއެންސީއަށް ވައްދާފަ އެވެ.
