މާލެ، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހަބަރު ހުސްވީ ދުމުގެ އަސަރުކޮށްގެންކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މާލެ، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ހަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓް ލިބުނީ މިއަދުގެ ހެނދުނު 06:35 އެހައިކަންހާއިރު ކަމަށެވެ.
ހަބަރު ހުސްވެފައިވަނިކޮށް ފެނިފައިވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެކެވެ. މި އެންމެންނަކީ ވެސް ފިރިހެނުންކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
އަދި އެ މީހުންނަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށާއި، މި ހާދިސާގައި ހާލުދެރަވި މީހުންގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލަްި ފުލުހުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ބަންދުކޮށްފައިވާ ތަނެއްގައި ޖެނެރޭޓަރެއް ހިންގާފައި ހުއްޓާ، އޭގެއިން ބޭރުވި ދުމުގެ އަސަރު އެތަނުގައި ނިދާފައި ތިބި މީހުންނަށް ކުރުމުގެ ސަބަބުންކަމަށެވެ.
މިފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، ނިދުމަށް ނުވަތަ އަރާމުކުރުމަށް ބޭނުންކުރާ ބަންދު ތަންތަނުގައި ޖެނެރޭޓަރު ފަދަ ވިހަ ގޭސް ބޭރުވާ ތަކެތި ބޭނުންނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ފުލުހުން ބުނީ ޖެނެރާޓަރުން ބޭރުވާ ދުމުގެ އަސަރު ކުރުމުން ހެއަށް ގޮތްވެ، ފުރާނައަށް ނުރައްކާވާ ހާލަތަކަށް ކަންކަން ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
އެހެންކަމުން، ބޯޓުފަހަރުގައި ނިދުމަށް ބޭނުންކުރާ ތަންތަނުގައި ވައި ދައުރުވާނެ ރަނގަޅު ނިޒާމެއް ހުރިކަން ކަށަވަރުކުރުމަށާއި، އެފަދަ ތަންތަނަށް ދުމުގެ އަސަރުކުރާގޮތަށް ޖެނެރޭޓަރުފަދަ ތަކެތި ބޭނުން ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.
