މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމް ވޯޓުގައި މާލޭގެ މޭޔަރު ކަަމަށް ވާދަކުރައްވާ މިނިވަން ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދު ވޯޓު ލައްވައިފިއެވެ.
ޒަރިޔަންދު ވޯޓު ލައްވާފައި ވަނީ އިސްކަންދަރު ސުކޫލުގައި ހުރި ވޯޓު ފޮށްޓަށެވެ.
އިންތިހާބުގެ ވޯޓުލުން ހެނދުނު 8 ޖެހިއިރުން ފެށިގެން ކުރިއަށްދާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މެޑަމް ސާޖިދާވެސް ވަނީ ވޯޓު ލައްވާފައެވެ. ތާޖުއްދީން ސްކޫލަށް ރައީސް ވޯޓު ލައްވާފައިވާއިރު މެޑަމް ވޯޓު ލައްވާފައިވަނީ އަމީނިއްޔާ ސުކޫލަށެވެ.
މި އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ވޯޓު ލައްވާފައެވެ.
މިއަދުގެ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 2961 ކެންޑިޑޭޓުން ޖުމްލަކޮށް ވާދަކުރެއެވެ.
މިހާރު ކުރިއަށްދާ އިންތިހާބުތަކުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 150،370 ފިރިހެނުންނާއި، 144،506 އަންހެނުންނެވެ. މި އިންތިހާބުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.
