ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފަށާފައިވާއިރު، ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ.
މި ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ޖުމްލަ 4,121 މީހުންނަށް ލިބިގެންވެއެވެ. އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށްޓަކައި ޖުމްލަ 7 ވޯޓުފޮއްޓެއް ވަނީ ބަހައްޓާފައެވެ. އައްޑޫ ސިޓީ ހިތަދޫގައި 5 ވޯޓުފޮށި ބަހައްޓާފައިވާއިރު ހުރިހާ ފޮށްޓެއްވެސް ބަހައްޓާފައިވަނީ ހިތަދޫ ސްކޫލްގައެވެ. މާލޭގައި 2 ވޯޓުފޮށި ބަހައްޓާފައިވާއިރު މާލޭގައި ދިރިއުޅޭ ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށްގެން މި ފޮށިތައް ބަހައްޓާފައިވަނީ ދަރުމަވަންތަ ސްކޫލްގައެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓެކެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) އާއި އެމްޑީީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގް (ސޯބެ) އެވެ. ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ސައީދު ވާދަކުރާއިރު އޭނާއަކީ އައްޑޫ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި ހިތަދޫ މޫލެކެޑެ ދާއިރާ ތަމްސީލު ކުރެއްވި ކައުންސިލަރެވެ. އިދިކޮޅު މައި ޕާޓީގެ ފަރާތުން ވާދަކުރައްވާ ސޯދިގަކީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރުކަން ދިގު މުއްދަތަކަށް ކުރައްވާފައިވާ، ބޭފުޅެކެވެ.
ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ، 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި އެ ދާއިރާއަށް އިންތިހާބުވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއް (މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާގެ ދަރަނި) ސާބިތުވެ، ކޯޓު ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީއެވެ.
މި މައްސަލާގައި ސިނާންގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ހުކުމް ކުރީ އެޕްރީލް 12، 2026 ގައެވެ.
