އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރު ބުރުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އަށް އިތުރުވާ ފަރާތްތަކުގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ލިސްޓު މިހާރު ދިވެހިސަރުކާރުގެ ގެޒެޓާއި އެ ކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. މީގެ އިތުރުން، 1414 އަށް އައިޑީ ކާޑު ނަންބަރު އެސްއެމްއެސް ކޮށްގެން ވެސް ލިސްޓުގައި ނަން އޮތްތޯ ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުގެ މައިޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޝަކުވާ ހުށަހެޅޭނެއެވެ. ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅާނީ އެ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށެވެ.
ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި މަހުގެ 18 ގައި ބާއްވާ އިންތިހާބުގެ އިތުރު ބުރުގައި ވޯޓުލެވޭނީ މިދިޔަ އޭޕްރިލް 4 ގައި ބޭއްވުނު އިންތިހާބުގެ ފައިނަލް ލިސްޓުގައި ހިމެނޭ މީހުންނަށާއި، އަލަށް 18 އަހަރު ފުރުމުގެ ސަބަބުން ލިސްޓަށް އިތުރުވި ފަރާތްތަކަށް އެކަންޏެވެ.
ޝަކުވާ ހުށަހަޅާއިރު، ރަޖިސްޓަރީގައިވާ މައުލޫމާތަކަށް ބަދަލު ގެންނަން އެދޭނަމަ އެކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއް ހުށަހަޅަންޖެހޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ކޮމިޝަނުގެ ހޮޓްލައިން 1414 އަށް ގުޅުމަށް ނުވަތަ އިންތިހާބާބެހޭ މަރުކަޒަށް ޒިޔާރަތްކުރުމަށް ވަނީ އެދިފައެވެ.
