ރާއްޖޭގެ 4 ރަށެއްގެ އުމްރާނީ ތަރައްގީއާ ގުޅުންހުރި މުހިންމު 4 މަޝްރޫއެއްގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެކު ސަރުކާރުން ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓާ އިސްމާއީލް ހަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު ޖަމްޝީދުއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުންތަކުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތަފްސީލަކީ:

  • ކ. ގާފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން: 420 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި، 956 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން 315 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
  • މ. މަޑުއްވަރީ ބަނދަރު ތަރައްގީކުރުން: މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 390 ދުވަހެވެ. މީގެ ދަށުން އައު ބަނދަރު ކޮނުމާއި، ނެރު ފުންކުރުމާއި، 218 މީޓަރުގެ ބްރޭކްވޯޓާ ޖެހުމާއި، 329 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 312 މީޓަރުގެ ކީވޯލް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 4.1 ހެކްޓަރުގެ ބިން ހިއްކުމާއި ޕޭވްމަންޓް އެޅުން ވެސް މި މަޝްރޫއުގައި ހިމެނެއެވެ.
  • ބ. ގޮއިދޫ ބަނދަރު އަޕްގްރޭޑްކުރުން: އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން ކުރީގެ ބަނދަރާއި އައު ބަނދަރު އަދި ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި 250 މީޓަރުގެ އެލް-ބްލޮކް އެއްގަމުތޮށި ޖެހުމާއި، 351 މީޓަރުގެ ބޭރުތޮށި ޖެހުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމުގެ އިތުރުން މަގުބައްތި ހަރުކުރުން ހިމެނެއެވެ.
  • ހއ. ފިއްލަދޫ ބަނދަރު އަޕްގްރޭޑްކުރުން: 450 ދުވަހުގެ މުއްދަތެއް ދީފައިވާ މި މަޝްރޫއުގެ ދަށުން ބަނދަރުގެ އެކި ސަރަހައްދުތައް ފުންކުރުމާއި، 3.9 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމާއި، އެކި ވައްތަރުގެ ތޮށިލުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން 30 މީޓަރުގެ ކޮންކްރީޓް ބްރިޖަކާއި 187 މީޓަރުގެ ކޮންކްރީޓް ޖެޓީއެއް އެޅުން ވެސް މި މަޝްރޫއުގައި ހިމެނެއެވެ.

މި މަޝްރޫއުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ދެއްވާ އަހައްމިއްޔަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ. މި މަޝްރޫއުތަކުގެ ސަބަބުން އެ ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކާއި ބިމުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.