ސަރުކާރުގެ ތިންވަނަ އަހަރު ގުނަމުންދާއިރު، ވޭތުވެދިޔަ ކޮންމެ ދުވަހަކީވެސް ގައުމީ މަސްލަހަތު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މިހާތަނަށް ނިންމެވި ބައެއް ނިންމެވުންތަކަކީ އާންމުންގެ މެދުގައި އެހާ މަގުބޫލު ނިންމެވުންތަކަކަށް ނުވިޔަސް، އެއީ ގައުމުގެ ކުރިމަގަށްޓަކައި ނިންމެވި މުހިންމު ނިންމެވުންތަކެއް ކަމަށެވެ. އެގޮތުން ވޭޕް މަނާކުރުމާއި، 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތަށް "ޖެނެރޭޝަނަލް ބޭން" އެއް ގެނައުމަށް ނިންމެވީ ޒުވާން ޖީލު ސަލާމަތްކުރުމުގެ ގައުމީ ވިސްނުމުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިންތިހާބުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ހޮވުމަށް ފިރިހެނުންނަށްވެސް ވޯޓުލެވޭނެކަން ސާފުކޮށްދެއްވާފައެވެ. ރައީސް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާއިރު، ވޯޓުލާ މީހާއަށް ތިން ކަރުދާސްކޮޅު ލިބޭނެ ކަމަށެވެ. އެއީ ދެ އިންތިހާބު އެކުގައި ބޭއްވުމާ މެދު ދެކޭގޮތް ބެލުމުގެ ކަރުދާހާއި، ކައުންސިލް އިންތިހާބުގެ ކަރުދާހުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ކަރުދާހެވެ. އަދި މިކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވަން ޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ބާރު އޭގެ ހަގީގީ މާނައިގައި ހިނގައިގަންނާނެއެވެ. އަދި މިހާރު އޮތް "ސުޕާ މެޖޯރިޓީ" ނިޒާމު އުވި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ބެހިފައިވާ މަޖިލީހެއް އައުމަށް މަގުފަހިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލިސް މެންބަރުންގެ ދައުރުން އިތުރަށް ލިބެން އޮތް 6 މަސްދުވަސް ދޫކޮށްލައްވައި، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ތާއީދުކުރަނީ އޭގެ ސަބަބުން ގައުމަށް ކުރާނެ ފައިދާއަށް ވިސްނަވައިގެންކަން ހާމަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ހުރިހާ ވިސްނުމެއްވެސް ހުރީ ގައުމީ މަސްލަހަތު ކުރިއެރުވުމަށްކަން ތަކުރާރުކުރައްވާފައެވެ.
