ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫއުއަށް ފައިނޭންސް ކުރުމަށް ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއެކު އެއްބަސްވުމެއްގެ ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މިހާރު ސައުދީ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މަދީނާގައި ރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި މި ބޮޑު މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.

މި މިސްކިތް ބިނާކުރާނީ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިން އާއި ޕާކިންވެސް ހިމެނޭހެންނެވެ. ވަގުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ޤުރުއާން މިއުޒިޔަމަކާ، އެހެނިހެން މުހިންމުކަންކަންވެސް މިސްކިތުގައި ހިމެނޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

https://www.facebook.com/share/p/1KW2LHzp39/?mibextid=wwXIfr

މިނިސްޓަރު ވިދާޅުވީ، މިސްކިތް ޑިޒައިން ކުރަމުންދަަނީ ރާއްޖެއިން ބޭރުގެ ކަމުގެ ތަޖުރިބާކާރުންކަމަށާ، މި މަޝްރޫއުގެ ޑިޒައިނިން އާއި ހުރިހައި މަރުހަލާއަކަށް ފަންޑުކުރަނީ މިސްކިތުގެ މަޝްރޫއަށް ފަންޑުކުރާ ފާރާތުން ކަމަށެވެ. އަދި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު އެއް މިސްކިތަށް ވެގެންދާނެކަމަށާއި، މި މިސްކިތް ބިނާ ކުރެވިގެންދާނީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ދެމެދުގައިކަމަށެވެ.

މި މިސްކިތުގެ ކޮންސެޕްޓްގެ މަސައްކަތް މިހާރު ނިމިފައިވާއިރު މިހާރު ކުރިއަށް ދަނީ ތަފްސީލު ޑިޒައިން އެކުލަވައިލުމުގެ މަސައްކަތެވެ.