އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއީއޯގެ މަގާމުން ޑރ. އިބްރާހީމް ޔާސިރު އަހްމަދު ވަކިކޮށް، އެ މަގާމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު އަދީލް ނަސީރު އައްޔަން ކޮށްފިއެވެ.

އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޔާސިރު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާ ގުޅިވަޑައިގަތީ މާޗު 17، 2024 ގައެވެ.

ޑރ. އަދީލް ނަސީރަކީ ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ތައުލީމީ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ އަދީލް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އޭނާ އައްޔަން ކުރެއްވީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އަދީލަކީ 2023 ގެ ރިޔާސީ އިންތިހާބާގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ވާދަކުރެއްވި ކާނަލް މުހައްމަދު ނާޒިމްގެ ރަނިންމޭޓެވެ. މީގެ އިތުރުން ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާ އަށް ވެސް އަމިއްލަ ގޮތުން އަދީލް ވާދަ ކުރެއްވިއެވެ.

އަންނަ އެޕްރީލްމަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވަން ކުރިން ނިންމެވުމަށް ފަހު، އަދީލް ވަނީ އެންމެ ފަހު ވަގުތު ނަން އަނބުރާ ގެންދަވާފައެވެ.