ނޭޝަނަލް ސެންޓާ ފޯ ކާޑިއޯވަސްކިއުލާ ސައިންސަސް (އެންސިސީއެސް) އާއި އައިޖީއެމްއެޗްގެ އެއްބާރުލުމާ އެކު، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކާޑިއަކް އިމްޕްލާންޓެބަލް (ސީއައިއީޑީ) ފޮލޯއަޕް ކްލިނިކެއް ހުޅުވައިފިއެވެ.

އައިޖީއެމްއެޗުން ހާމަކުރި ގޮތުގައި، މި ކްލިނިކް ހުޅުވުމަކީ ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ހިތުގެ ފަރުވާގެ ހިދުމަތްތައް ފުޅާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި މި ހިދުމަތްތަކުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ސަރަަހައްދުގެ ބަލިމީހުން ފަރުވާއަށް މާލެއަށް ދަތުރުކުރަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.

"މި ހިދުމަތުގެ ސަބަބުން ބަލި މީހުންގެ ބަލި ފަސޭހައިން ދެނެގަނެވި، ދިގު މުއްދަތަކަށް ބޭނުންވާ ފޮލޯއަޕްގެ ކަންކަން ރަށާ ކައިރިން ލިބިގެންދާނެ" އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.

އެތަނުގެ ހިދުމަތް ފެށުމަށްޓަކައި ކުރި މި ދަތުރުގެ ތެރެއިން އޭއީއެޗްގެ ޓީމާއެކު 6 ކޮރޮނަރީ އެންޖިއޯގްރާމް އަދި 2 ކޮރޮނަރީ އެންޖިއޯޕްލާސްޓީ ކާމިޔާބުކަމާއެކު ހަދާފައިވެއެވެ. ފުވައްމުލަކުގެ ތިން ޕޭޝަންޓުން ހިމެނޭ ގޮތަށް ހަތް މީހުންނަށް ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މިއީ މުޅި ރާއްޖެއަށް ގައުމީ ކާޑިއޯވަސްކިއުލާ ކެއާ ނެޓްވޯކެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ބައެއްކަން އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.