އަނެއްކާވެސް ތަޒްކިޔާއަށް ޒިބާން ގޮވާލީ ނުހަނު ލޯބިންނެވެ. އިސްޖަހައިގެން ހުރި ތަޒްކިޔާގެ އެސްފިޔަތައް ހަލުވިކޮށް ތަޅުވާލީ އޭނާގެ ހިތަށް ކުރަމުން ދިޔަ އަސަރު އޭނާގެ ދެލޮލުން ހާމަވެދާނެތީ އެކަމާ ޖެހިލުންވުމުންނެވެ.
"ޒޯއީ.. ދުނިޔެއަށް ދިޔައިމަ އޭނާ..."
ތަޒްކިޔާއަށް އެ ޖުމްލަ ފުރިހަމަ ކުރެވޭ ގޮތެއް ނުވިއެވެ. އަރުތެރޭ އަޑު ތާށިވީ އޭނާގެ ބާރަކުން ނޫނެވެ. އޭނާގެ ހިތަށް އުނދަގޫވެ ވާހަކަ ދައްކަން އުނދަގޫވިއެވެ. ހިތުގެ ކަނަކުން އެދެމުން ދިޔައީ އެވާހަކަ ހިއްސާކޮށްފިއްޔާ މުޅި އުމުރަށް އޭނާއަށް ޒިބާން ގެއްލޭނެ ކަމެވެ. އެ ލޯތްބަށް އަލްވަދާއު ކިޔަން ތަޒްކިޔާ ބޭނުމެއް ނުވިއެވެ.
"މަށަށް އޭރުވެސް ހީވިއޭ ޒޯއީއަށް އެފަދަ ބާރެއްގެ ބޭނުން ކުރަން ދަސްނުވެ ހުއްޓާ އަހަރެން ފަހަތުން ދުނިޔެއަށް ދިޔައިމަ ވީ ގޮތެކޭ... އަޅެ އަހަރެންނާ ހެދި މަގޭ ދަރިއަށް އެލިބުނީ ކިހާބޮޑު އަނިޔާއެއް.. މިހާރު އެމަންޖެ ރަނގަޅު ދޯ.." ތަޒްކިޔާގެ ބަސްތަކުން ޒިބާންއަށް މާނަ ނެގުނީ މުޅިން އެހެން ގޮތަކަށެވެ. ހައިރާންވެފައި ޒިބާންގެ މޫނަށް ތަޒްކިޔާ ބަލަން ހުރީ ދެން ބުނާނެ އެއްޗެއް ނުވިސްނުނީމައެވެ.
"އަހަރެން ދެން ބޭނުމެއްވެސް ނޫން ދުނިޔެއަށް ދާކަށް.. އަހަރެމެންގެ މި ކުޑަ އާއިލާއަށްޓަކައި އަހަރެންނަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކުރާނަން... އަހަރެންގެ ފުރާނަ ގުރުބާން ކުރަން ޖެހުނަސް ވަރިހަމަ..." ޒިބާންގެ ބަސްތަކުގެ ޖާދޫގައި ތަޒްކިޔާ ޖެހުނީ އެސްފިޔަ ޖަހާލާހާ ހަލުވިކޮށެވެ. ހަގީގަތުގައި ކަންތައް ވީގޮތް އޭނާ ސިއްރު ކުރަން ބޭނުންވީ ޒިބާންގެ ލޯތްބަށް އޭނާ ފެންބޮވައިގެންފައި ހުރިލެއް ބޮޑުކަމުންނެވެ.
ތަޒްކިޔާގެ ހަށިގަނޑުގައި ޒިބާން އޮޅުލައިގަތެވެ. ތަޒްކިޔާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު އޭނާއަށް މާފްކުރުމަށް ޒިބާން އެދުމުން ތަޒްކިޔާގެ ހިތަށް އުނދަގޫވިއެވެ.
*** *** *** *** *** ***
މެހެކްއާ އެކީ ސަކޭރާ ގެއަށް ވަނީ ޒޯއީ ކައިރިއަށް ދާށެވެ. އެކަނިމާ އެކަނި ކޮޓަރިތެރޭ އިން ޒޯއީއަށް ސަކޭރާމެން އައިސްފިކަން އެނގުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. ބޮޑުދައިތަގެ އެހީއާ އެކީ މިހާރު ޒޯއީ އެހުރީ ގަދަވެ ސަލާމަތުންނެވެ. "ޒޯއީ... ދެން ދުވަހަކުވެސް އިންސާނުން ގާތަށް ނުދާނަން ކަމަށް ވައުދުވޭ.. ޒޯއީ ގެއްލޭކަށް އަހަރެން ބޭނުމެއް ނޫން.. އިންސާނުން އަހަރެމެންނާ ދެކޮޅަށް ނިކުމެގެން އަހަރެމެން ނެތިގެން ދާތަން ފެންނާކަށް ބޭނުމެއް ނޫން..." ޒޯއީގެ ހަށިގަނޑުގައި އޮޅުލައިގަންނަމުން މެހެކް އެތައް ޝަކުވާތަކެއް ކޮށްލީ އޭނާގެ ލޯބިވާ ކޮއްކޮއާ ވަކިވާން ނޭދޭތީއެވެ. މެހެކްގެ އެދުމަށް ތާއިދުކޮށް އޭނާއާ އެއްފަރާތަކަށް އަރާކަށް ޒޯއީ ބޭނުން ނުވާކަން އޭނާގެ މޫނުގެ ކުލަވަރު ހެކިކޮށްދެއެވެ. ސަކޭރާއަށް އެކަން ފާހަގަވުމުން ޒޯއީއާ ދިމާއަށް ބަލާލަމުން ނިތްއަރުވާލީ ޒޯއީ ބުނަން އުޅޭ އެއްޗެއް އޮޅުން ފިލުވާލުމުގެ ބޭނުމުގައެވެ. "އަހަރެންގެ މަންމަ ދުނިޔޭގަ ވާކަން އަހަންނަށް ކަށަވަރު.. އެމަންމަ ފެނޭތޯ މަސައްކަތް ނުކޮށް ހުރުމަކީ އަހަންނަށް ވާވަރުކަމެއް ނޫން... އަހަރެންގެ ބައްޕައަށްޓަކާވެސް މަންމަ ހޯދަން މަސައްކަތް ކުރާނަން... މެހެކް ބޭނުން ނޫނިއްޔާ އަހަންނާ އެކީ ނަޔަސް ހެޔޮ އެކަމަކު އަހަރެން ދުނިޔެއަށް ދާނަން..." ޒޯއީގެ ނިންމުން ވަރަށްވެސް ސާފެވެ. އޭނާގެ އަޒުމަކަށްވީ މަންޝާ ހޯދުމެވެ. ވިހިއަހަރު ދުވަހު ޒިބާނަށް ނުދެވޭހާ ކައިރިއަށް ޒޯއީއަށް ވަނީ އެއްދުވަހުގެ މަސައްކަތުން ދެވިފައެވެ. އެހެންކަމުން އޭނާގެ ހިތް ގަބޫލުކުރަމުން ދިޔައީ މިފަހަރު މަންޝާ ހޯދޭނީ އޭނާއަށް ކަމަށެވެ.
ޒޯއީގެ ނިންމުން ހާމަކުރުމުން ސަކޭރާގެ ދެލޯ ކަރުނުން ފުރުނެވެ. ޒިބާންއަށްޓަކައި އޭނާގެ ދަރިފުޅު ޖެހިލުމެއްނެތި އެކަމާ ކުރިމަތިލާން ހުރީތީ އޭނާ އުފާކުރިއެވެ. "އެކަމަކު ބޮޑު ދައިތާ... އިންސާނުންނާ ހަނގުރާމަކުރާ ޖިންނިން ނެތިގެން ދޭ... ޒޯއީއަށް ވިސްނައިދެއްވާ... ހެޔޮނުވާނެ... ކާފައަށް އެނގިލައްވައިފިއްޔާ ވަރަށް ސަކަރާތްވާނެ..." މެހެކްގެ އާދޭސްތަކުގެ އަޑު ސަކޭރާއަށް ނީވޭ ކަހަލައެވެ. ސަކޭރާގެ ކަޅި އޭރުވެސް އަމާޒުވެފައި ވަނީ ޒޯއީއާ ދިމާއަށެވެ. އޭނާގެ ހިތްވަރުގަދަކަން ފެނި ޒިބާންގެ ޅަދުވަސް ސަކޭރާގެ ހަނދާނަށް އައުމުން އޭނާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.
"ޒޯއީ އާ އެކީ ބޮޑު ދައިތަވެސް ދާނަން... މަންޝާ ހޯދަން ދާނަން... އެކަމަކު މިހާރަކު ނޫން... މިކަމަށް ތިކުދިން ޖެހޭނީ ތައްޔާރުވާން..." ސަކޭރާގެ ނިންމުން ހާމަކުރުމުން މެހެކް އަންތަރީސްވިއެވެ. "ތައްޔާރުވާށޭތޯ... ބޮޑު ދައިތާ... ކީކޭތޯ؟..."
"މެހެކްއާ ޒޯއީއަކީ އިންސާނަކު މެދުވެރިކޮށް ޖިންނި ދަރިފަސްކޮޅަށް ލިބުނު ދެކުދިން.. ތި ކުދިންނަށް ލިބިފައިވާ ބާރު އެހެން ޖިންނީންނަށް ވުރެ އެތައް ގުނައެއް ވަރުގަދަވާނެ... މިކަން ކުރުމުގެ ކުރިން ދަރިފުޅުމެންނަށް އުނގަންނައިދޭން ޖެހޭ ކަންތައްތަކެއް އެބަހުރި..." ސަކޭރާ ފުންނޭވާއެއް އެތެރެކޮށްލަމުން ދެލޯ ފޮހެލީ އާ ހިތްވަރަކާއި އެކީ މަންޝާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކާ ދޭތެރޭ ވިސްނާލަމުންނެވެ.
*** *** *** *** *** ***
ރޭގަނޑުގެ އެވަގުތު މަގުމަތިން މީހަކު ފެންނާކަށް ނެތެވެ. ތާރުއަޅާފައިވާ މަގުތަކުން އަޒީމް ހިނގަމުން ދިޔައީ ހިޔާލަކަށް ގެއްލި ހުރެއެވެ. އޭނާއަށް ވިސްނެމުން ދިޔައީ ދޮށީ އަނބި މަންޝާއާ ދޭތެރޭއެވެ. އޭނާގެ ހިތަށް އުނދަގޫތަކެއް ކުރުވަނީއެވެ. މަންޝާގެ އުޅުމާއި ސިފައަށް އައިސްފައިވާ ބަދަލުތައް ފެނި އޭއީ ހަމަ އޭނާ ލޯބިވެގެން ކައިވެނި ކުރި މަންޝާ ބާވައޭ ހިތުގައި ސުވާލު އުފައްދާ ފަހަރުތައް މަދެއް ނޫނެވެ. ހިނގަމުން ހިނގަމުން އައިސް އޭނާއަށް ހުއްޓެވުނީ އިބްޒީމާމެން ގޭ ދޮށަށެވެ. ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު އެގޭ ތެރެއަށް އޭނާ ވަންނަން ފިޔަވަޅު އަވަސްކޮށްލީ އޭނާގެ މަންމައާ ބައްދަލުކޮށް ވާހަކައެއް ދައްކާލާށެވެ. ހަމައެވަގުތު އޭނާގެ ފޯނަށް މެސެޖެއް އައުމުން ފޯނުގެ ޑިސްޕްލޭއަށް ބަލާލިއެވެ. އެއް ފަރާތަކަށް ޖެހިލީ އެ މެސެޖް ފޮނުވި މީހާއަށް ޖަވާބެއް ފޮނުވާލަން ބޭނުންވެފައި ހުރުމުންނެވެ. ވޫޝްލާފައި ކައިރިން އެއްޗެއް ދިޔަހެން ހީވުމުން އަޒީމްއަށް ސިހުމެއް ވިއެވެ. އޭނާއަށް އޭރު ހުރެވުނީ އިބްޒީމާމެން ގޯތިތެރޭ ހައްދާފައިވާ އަނބުގަސް ދޮށުގައެވެ. ގަހުގެ ފަތްތަކުގައި ބާރު ވައިރޯޅިއެއް އެޅިލުމުން ފަތްތައް ހެލިލި އަޑަށް އަޒީމް މައްޗަށް ބަލާލިއެވެ. އަނބުގަހުގެ ތެރެއިން ނިކުމެގެން ދިޔަ ވައު ތިރިކުރީ އިބްޒީމާމެން ގޯތި ފުރާޅާ ދިމާއަށެވެ. ދެއަތަށް ބޯ ހޫރުވާލުމަށްފަހު އަޒީމް ކުރަން އުޅުނު މެސެޖާ ދޭތެރޭ ވިސްނާލަމުން ފޯނުގެ ސްކްރީނަށް ނަޒަރު ހުސްކޮށްލިއެވެ.
ސިއްސައިގެން ގޮސް އިބްޒީމާއަށް ބަލާލެވުނީ އޭނާގެ ކޮޓަރި ތެރެއިން އަޑުފައްގަނޑެއް އިވުމުންނެވެ. ރިޔަލެއްގައި ވައި އެޅުމުން ގޮވާ ޒާތުގެ އަޑެއް އިވުމުން އެތަނަށް އެ ހާޒިރުވީ ރޫފަސް ކަން އޭނާއަށް އެނގުނެވެ. އިބްޒީމާގެ ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިކުރުވަމުން އޭނާ ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. "ރޫފަސް... ކަލޭ ހާދަ ފިލައިގެންނޭ ދޯ ތިއުޅެނީ... މަންޝާއަކާ ޖެހުނު ފަހުން ކަލޭ ވަރަށް ވަގުވެއްޖެ..." ރޫފަސްގެ ހަށިގަނޑު އިބްޒީމާގެ ލޯ ކުރިމައްޗަށް ފާޅުނުވެ ލަސްވުމުން ރާގު އަޅުވާލާފަ ރޫފަސް ލޭކައްކުވާލެވޭނެ ކަހަލަ ބަސްތަކަކުން އޭނާ އޮށްގާ އުކާލިއެވެ.
ގާކޮޅު ވަރަށް ބާރަށް ގޮސް ރޫފަސް ހިތާ ހަމައަށް ވާސިލްވިއެވެ. އެއީ އިބްޒީމާ ބޭނުންވި ގޮތެވެ. ކަޅުކަން ގަދަ ކެހެރިތަކަކުން ހަންގަނޑު ނިވާވެފައިވާ ރޫފަސްގެ ދެލޯ ރަތްކުލައިން ދިއްލުމުން އިބްޒީމާ ހިނިގަނޑެއް ޖަހާލިއެވެ. "އަނދިރީގަ ކަލޭ ފެންނާނީ ތި ރަތް ދެލޯ ދިއްލާލީމައެއްނު... ކަލޭ މިހޯދަނީ ވަރަށް ބޮޑު ކަމަކު..."
އިބްޒީމާގެ ބޭނުން ހާމަކުރޭތޯ ރޫފަސް އިތުރު އެއްޗެކޭ ނުބުނެ ބޯ ޖަހާލިއެވެ. އެވަގުތު ރޫފަސްއަށް ކުޑަދޮރު ކައިރިން މީހެއްގެ ހިޔަނިވީތަން ފެނުނެވެ. ކެތްމަދުވެފައިވާ އިބްޒީމާ ވާހަކަ ދެއްކިއިރު އޭނާއަށް އެ ގޯތިތެރޭ މީހަކު އުޅޭކަމެއް ނޭނގެއެވެ. "ކަލޭ މިހޯދީ އަހަރުންނަށް ކަލޭގެ ފަރާތުން ހިމާޔަތެއް ލިބިދާނެތޯ ބަލަން... މިއުޅެނީ ޟިރާރުގެ އަތް ރަނގަޅުކުރަން ޖިންނިއެއް އަތު ޖައްސައިގެން މި ޟިރާރު ބޯ ގަޅި އެއްޗެއް ހަދައިގެން... އޭނާއަށް އެހާ ބާރު ގަދަ އެއްޗެއް ލިބި އަތް ރަނގަޅުވީމަ އޭތި މިނިވަންކޮށްފި.. މިހާރު އޭތީގެ ދުއްޕާނެއް މަށަށް ޖެހޭކަށް މަ ބޭނުމެއް ނޫން... މި ބުނަން އުޅޭ އެއްޗެއް އެނގިއްޖެ ދޯ..."
ރޫފަސް މޭ ފުއްޕާލަމުން ކުރިއަށް ޖެހިލިއެވެ. "އަހަރެން ކަލޭ ބުނެގެން ކުރިކަންތައް ހަނދާން އެބަހުރިތަ... އެކަން މަކޮށްދިނީ މަގޭވެސް އަމިއްލަ އެދުމެއް އޮވެގެން... ދެން އިތުރުކަމެއް އަހަރެންކުރަން އެއްބަސްވާނެ ހެން ކަލެއަށް ހީވޭތަ؟..." ރޫފަސް އަށް ކުޑަދޮރުކައިރީ ހުރީ ކާކުކަން އެނގުނެވެ. އިބްޒީމާއަކީ ހިތްނުބައި ނުލަފާ އަންހެނެއްކަން އޭނާއަށް އެނގޭތީ ރޫފަސް ބޭނުންވީ އޭނާގެ އަމިއްލަ އަނގައިން އޭނާ ކޮށްފައިވާ ކަންތައްތައް ބޭރުކުރާށެވެ.
"ބަލަ އަލިތައްކާނު ދުވަސްދުއްވާނުލާ މަށަށް ނެތޭ ކާމިޔާބެއް ލިބޭކަށް... އޭނަ އެކަން ކުރަން އުޅުނު ގޮތުން އަހަރެމެން އެންމެނަށް މުސީބާތްތައް ޖެހޭނެކަން އެނގޭތީ މަ އެހެން ހެދީ..." އިބްޒީމާ އޭނާ ކުރި ކަންތަކަށް އެއްބަސްވަމުން އެކަން ކުރި ސަބަބު ހާމަކުރީ ރޫފަސްގެ ސިކުނޑިއާ ކުޅެލުމުގެ ބޭނުމުގައެވެ. "އަދި ކަލޭ ތިކިޔަނީ މުޅިން ރަނގަޅަކަށް ނޫން... ކަލޭ ހީކުރީ މަށަށް އޮޅުވާލެވޭނެ ކަމަށްތަ؟... އެހެންވެޔޭ މަ ބުނަނީ އިންސިންނަކީ މޮޔަ ބައެކޭ..." ރޫފަސްގެ ވަރުގަދަ ހިނިގަނޑާ އެކީ އެސަރަހައްދު ގުގުމާލިއެވެ. ކުޑަދޮރުކައިރީ ސިއްރުން މަންޒަރު ބަލަން ހުރި އަޒީމަށް ފެންނަނީ އޭނާގެ މަންމަ އެކަނިމާއެކަނި ހުރެ އަތްއުކަމުން ވާހަކަ ދައްކާ ތަނެވެ. އިބްޒީމާ ދައްކަމުން ދިޔަ ވާހަކަތައް އަޒީމަށް ސާފުކޮށް އިވުނެވެ. އޭނާގެ މަންމަ ދައްކަމުން ދިޔަ ވާހަކަތަކުން އަޒީމްގެ ހިތުގައި ރިހުމެއް އުފެދުނެވެ. އުނަގަނޑުގައި އިބްޒީމާ ދެއަތް ވިއްދާލިތަން ފެނުމުން އަޒީމް އިތުރަށް ކުޑަދޮރާ ގާތްވެލީ އޭނާގެ މަންމަ އެބުނަން އުޅޭ އެއްޗެއް ސާފުވޭތޯއެވެ.
"މަދެން އެވާހަކަތައް ބުނެފިއްޔާ މަބުނާ ކަމެއް ކަލޭ ކޮށްދޭނަންތަ؟..." އިބްޒީމާ ކުރި ސުވާލު ރައްދުވަނީ ކާކަށް ބާވައޭ އަޒީމްގެ ހިތުގައި ސުވާލު އުފެދުމުން މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުނެވެ. އެތާ ހުރީ އިބްޒީމާ އެކަނިކަން އޭނާއަށް ޔަގީނެވެ. އަނެއްކާ ވެސް އިބްޒީމާ ވާހަކަ ދެއްކިއެވެ. މިފަހަރު އޭނާ ދެއަތަށް ބޯހޫރުވާލަމުން ޕިސްޕިސް ކަނޑާލިއެވެ.
"އާން.. އަޑުއަހާ... މަ އެކަން ކުރީ މަގޭ އަމިއްލަ ފައިދާއަށް... ސިހުރު ހެދުމުގެ ހުނަރު ލިބުނީމަ ދުނިޔޭގެ ހުރިހާ އުފަލެއް ހާސިލް ކުރެވޭނެ.. އެކަމަކު އަލިތައްކާނު ބޭނުންވީ ބޭސްވެރިކަމަށް އެކަމުގެ އިލްމު ބޭނުންކުރަން... ޟީރާރަކީ އޭރު އަހަރެން ބޭނުންވި ކަހަލަ ވިސްނުމެއް ހުރި މީހެއް... އޭނާއަށްޓަކައި މަ އެކަން ކުރީ... އަލިތައްކާނު މަރާލީ އަހަރެން..."
އިބްޒީމާއަށް ބުނެވުނު ބަސްތަކުން އަޒީމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަޒީމަށް މިހުރެވުނީ ދުނިޔޭގައި ކަމާމެދު ޝައްކު އުފެދުނެވެ. އޭނާގެ ބައްޕަގެ ގާތިލަކީ އޭނާގެ މަންމަ ހެއްޔެވެ. އަޒީމަށް ފަހަތަށް ޖެހެވުނެވެ. އެއަށްފަހު އިބްޒީމާ ކިޔަމުން ދިޔަ އެއްވެސް އެއްޗެއް އޭނާއަށް އޮޅުންފިލާ ވަރެއް ނުވިއެވެ. އަނބުރާ އައިކޮޅަށް އޭނާގެ ފިޔަވަޅު އަވަސްކޮށްލީ އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ އިހްސާސެއް ކުރުމުންނެވެ. އެ ގެއިން ނިކުމެގެން އޭނާ ހިނގައިގަތްއިރު އެގޭ ވަލު ފަރާތުން ނައުރީން އައިސް އެ ގޯތި ތެރެއަށް ވަންނަނީއެވެ. ފަޔަށް ލެވުނު ބާރެއްލާ އަޒީމް އެގެއިން ނިކުންނަން ހިނގައިގަތް މަންޒަރު ފެނުމުން ނައުރީން ފަހަތަށްޖެހި އަނބުގަހުގެ ނިވަލަށްވަނީ ހައިރާންވެ ހުރެއެވެ. މިފަދަ ވަގުތެއްގައި އަޒީމް އެގެއިން ނިކުންނަތަން ފެނުމުން ނައުރީންގެ ހިތުގައި އިތުރު ބިރުވެރިކަމެއް އުފެދުނެވެ. އަޒީމް އެގެއިން ނުކުމެގެން ދަންދެން ގަހުގެ ނިވަލުގައި ފިލާ ނައުރީން ހުރީ ހިތްނުތަނަވަސްވެފައެވެ. އެތައް ސުވާލުތަކެއް އޭނާއަށް އުނދަގޫކުރަމުން ދިޔައީ ކީއްވެކަމެއް ނޭނގެއެވެ. ނައުރީންއަށް އެންމެ ބޮޑު ފިކުރަކަށްވީ އިބްޒީމާގެ ދުލުން ނައުރީންގެ ހަގީގެއް އަޒީމަށް ހާމަކޮށްފާނެތީއެވެ. ފުންކޮށް ނޭވާލަމުން ނައުރީން ދިޔައީ އޭނާގެ ހާސްވެފައިވާ ހިތަށް ލުއިކަމެއް ލިބޭނެކަމުގެ އުންމީދުގައެވެ. ހިތުގެ ވިންދު ދެގުނައަށް އަވަސްވެފައިވާއިރު ހާސްކަމުގެ ކުލަވަރު އޭނާގެ ނިތްކުރިމަތިން ފާޅުވަމުން ދިޔައެވެ. އަތުގެ ނުފުށުން ތުންފަތްމަތީ ހުރި ދާތަށް ފޮހެލަމުން އޭނާ ކުރިއަށް ހިނގައިގަތީ ސިއްރުސިއްރުންނެވެ. ނަމަވެސް އެހިސާބުން އޭނާގެ ފިޔަވަޅު މަޑުޖެހުނީ ޟިރާރުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ.
ބޭރުގައި ޟިރާރުހުރީ މީހަކާ ވާހަކަ ދައްކާށެވެ. އޮލަ ވާހަކައެއްގައި ޖެހިފައި ހުރި ވަގުތެއްކަމުން ލިބުނު ކުޑަ ވަގުތުކޮޅުގެ ބޭނުންހިފަން ނައުރީން ބޭނުންވިއެވެ. ގަސްތަކުގެ ހިޔަނިއެޅިފައިވާ ދިމާލުން އޭނާގެ ފިޔަވަޅު އަވަސްކޮށްލީ އިބްޒީމާމެން ކޮޓަރިއާ ދިމާއަށެވެ.
ލައިގެން ހުރި ހައުސްކޯޓުގަނޑު އަރުވާ ޖަހައިގެން އިބްޒީމާ ނިކުންނަ މަންޒަރު ފެނުމުން އެ ކޮޓަރީ ކުޑަދޮރު ކައިރީ ހުރި ފިނިފެންމާ ގަހުގެ ނިވަަލަށް ވަދެ ފާރުގައި ނައުރީން ލަށްވެލީ ދެލޯ މަރާ ބާރުކޮށްލަމުންނެވެ. އިބްޒީމާއަށް ފެނިއްޖިއްޔާ ބުނާނެ އެއްޗަކާ ދޭތެރޭ ވިސްނާލަން މަޑުކޮށްލިއެވެ. ކުއްލިއަކަށް ޓިނުގަނޑެއް ގައި ޖެހިގަތް ޒާތުގެ އަޑެއް އިވުމުން ސިހިފައި ނައުރީން ދެލޯ ހުޅުވާލީ ތެޅިގަންނަމުންނެވެ. ވަގަށް އައިސް ހުރި މީހަކު އޭނާގެ ސިއްރު ހާމަވެދާނެތީ އުޅޭ ފަދައިން ނައުރީން ދެލޯ ބޮޑުކޮށްލަމުން ވަށައިގެން އެގޭ ގޯތިތެރެއަށް ނަޒަރު ހިންގާލީ ދެންމެ އިވުނު އަޑު އައި ދިމާއަށް ބަލާލަމުންނެވެ.
އެ އިވުނީ ގެއާ ތަންކޮޅެއް ދުރުގައި ހުރި ގިފިލީގެ ދޮރު ލެއްޕުނު އަޑުކަން ނައުރީނަށް ޔަގީންވުމުން އޭނާ ހިފަހައްޓައިގެން ހުރި ނޭވާ މަޑުމަޑުން އަނގައިން ބޭރުކޮށްލީ މުޅި ހަށިގަނޑުން ވަރު ދޫކޮށްލަމުންނެވެ. އަތްތިލައިން ތޫނު ތަދެއް ވާކަން އޭނާއަށް އިހްސާސްވީ އެވަގުތެވެ. އޭނާ ސިއްސައިގެންދިޔަ ވަގުތު ބާރަށް ހިފެހެއްޓުނީ ކައިރީ ހުރި ފިނިފެންމާ ގަހުގެ ގޮފިގަނޑުގައެވެ. އަތްތިލަ ހުޅުވާލުމަށްފަހު ކަށިހެރިގެން ޒަހަމްވެފައިވާ ދިމާއަށް ނައުރީން ބަލާލިއިރު އަތުގެ މުށުތެރެއިން ލޭ ފޭދިގެން ފޭބުމުން އެއަތް ބާރަށް މުށްކަވާލީ ބުރުގަލުގެ ކަން އަތު ތެރެއަށްލާ އޮޅާލަމުންނެވެ. ގިފިލި ތެރެއިން އިވުނު އަޑަށް ނައުރީންގެ ސަމާލުކަން ދިޔައެވެ. އެ އިވުނީ ފެން ދާންޏެއް އޮއްސާލި އަޑެވެ. އިބްޒީމާ ގިފިއްޔަށް އެވަނީ ފެންވަރަންކަން އެނގުމުން ނައުރީން އަވަސްވެގަތީ އޭނާ އެގެއަށް އައި މަގްސަދު ހާސިލުކުރާށެވެ.
އިބްޒީމާ ދިރިއުޅޭ ކޮޓަރީގެ ދޮރު ނައުރީން ހުޅުވާލީ ސިއްރުސިއްރުން އަޑެއް ނީވޭނެހެންނެވެ. ފަނޑު އަލިކަމެއް ހުރި ކޮޓަރި ތެރެއަށް ނައުރީން ކަޅި ހިންގާލީ ހާވަން ފަށާނީ ކޮން ދިމާލެއްތޯ ބަލަމުންނެވެ. އެއްވެސް ތަރުތީބެއް ނެތް ކޮޓަރި ތެރެއަށް ބަލަން ހުރި ނައުރީންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ނައުރީންގެ ހަތަރެސްފައި ފިނިވެ މީހާގެ ހަށިގަނޑަށް ތުރުތުރެއް އަރައިގެން ދިޔައީ އޭނާއަށް އެ ހޯދަން އައި ފޮތް ނުލިބެނީސް އިބްޒީމާ އެތަނަށް އައިސްދާނެތީއެވެ. އެކޮޓަރީގައި އިބްޒީމާ އާންމުކޮށް މަސައްކަތް ކުރަން ހުރި މޭޒާ ދިމާއަށް ނައުރީން އަވަސްވެގަތީ ތެޅިތެޅި އޮތް ހިތަކާއި އެކީގައެވެ. މޭޒުމަތީ ހުރި ފޮތްތައް އޭނާ ހާވަން ފެށިއިރު އެތާ ހުރި ފޮތްތަކުގެ ތަރުތީބު އޮޅިގެން އިބްޒީމާއަށް ކަމެއް ފާހަގަވެދާނެ ކަމާމެދުވެސް ވިސްނާލުމެއް ނެތިއެވެ. ހުރިހާ ފޮތެއްގެ އަޑީގައި އޮތް މުށިކުލައިގެ ބަނޑޭރިގަނޑުލީ ފޮތް ފެނުމާ އެކީ ނައުރީންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އަވަހަށް އެފޮތް ނަގާ ހެދުންދަށުން ލައިގެން ހުރި ޖީންސު ތެރެއަށް ޖަހާލީ ނައުރީންގެ ބަނޑު ހިންދާލަމުންނެވެ. އަދި ހެދުން ތިރިކޮށްލުމަށްފަހު މޭޒުމައްޗާއި ދިމާއަށް އޭނާ ބަލާލިއެވެ. އަނބުރާ ފޮތްތައް ކުރިން ހުރިގޮތަށް ބަހައްޓަން އޭނާ މަސައްކަތް ކުރިއެވެ. ބަރިއަކަށް ހުރިހާ ފޮތެއް ބެހެއްޓުމަށްފަހު އެކޮޓަރިން ނިކުންނަން އެނާ އެނބުރިލީ ހިތަށް ހަމަޖެހުމެއް ލިބުނީކަމަށް ހީކޮށް ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުންނެވެ. ދޮރުމަތީ މީހަކު ހުރިކަން އެނގުމުން ނައުރީންގެ ފައިން ވަރު ދޫނުވީ ހަމަކިރިޔާއެވެ.
އިސްޖަހައިގެން ހުރި ނައުރީން ދޮރުމަތީ ހުރި މީހާގެ ހިޔަންޏާއި ދިމާއަށް ބަލާލިއެވެ. އަދި އެއަށްފަހު އިސްއުފުލާލީ ޟިރާރުއާ ކުރިމަތިލާށެވެ. ނުބައި ޒާތަކަށް ހިނިއައިސް ހުރެ ޟިރާރު ކުރިއަށް ފިޔަވަޅެއް އަޅާލީ ދަހިވެތި ނަޒަރަކުން ނައުރީންއާ ދިމާއަށް ބަލަމުންނެވެ. "ހާދަ ވަގަށް... ކޮން ޖަރީމާއެއް ހިންގަން ތިއުޅެނީ..." ވައި އަޑުން ޟީރާރު ބުނި ބަސްތަކުން ނައުރީންއަށް އުނދަގޫތަކެއް ކުރިއެވެ. އަނގައިން ބަހެއް ނުބުނެ ޟިރާރުގެ އަތްދަށުން ސަލާމަތްވެގެން ދާން ނައުރީން ހިނގައިގަތީ ދޮރާ ދިމާއަށެވެ. "އޭ... ކޮންތާކަށްތަ ތިދަނީ.. މަދެކުނިން ކަލޭ އެފޮތް ފޮރުވިތަން... ބުނޭ ކިހިނެއްވީ؟.. މަށަށް އެހީއެއް ވެވިދާނޭ.." ނައުރީންގެ ފިޔަވަޅު މަޑުޖެހުނީ އޭނާގެ އަތުގެ ކުޑަހުޅާ ހިސާބުގައި ޟިރާރު ހިފެހެއްޓުމުންނެވެ. ވާގިނެތި ބަޅުވެފައިވާ ޟިރާރުގެ އަތް ރަނގަޅުވެފައި ހުރި ތަން ފެނުމުން ނައުރީން ދެލޯ ބޮޑުކޮށްލިއެވެ. އެވާހަކަ ނުދައްކާ އޭނާ ބެނުންވީ އިބްޒީމާއަށް ނުފެނި އެތަނުން އަވަހަށް ދާށެވެ.
(ނުނިމޭ)
