ރަޝިއާއިން ޔޫކްރައިން އާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން އެއް ދުވަހެއްގައި އެންމެ ގިނަ ޑްރޯން ހަމަލާ ދިން ދުވަހަކީ އިއްޔެއެވެ.

ހަބަރުތައް ބުނާގޮތުން އިއްޔެ ހެނދުނު ދޭން ފެށި ޑްރޯން ހަމަލާގައި ޖުމްލަ 948 ޑްރޯން ވަނީ ބޭނުން ކޮށްފައެވެ. މިއީ ދުވާލުގެ ވަގުތުގައި މިގޮތަށް ހަމަލާދިން ފުރަތަމަ ފަހަރު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޔޫކްރައިން އިން ބުނާގޮތުން މިހަމަލާތަކުގައި އެކި ސަރަހައްދުތަކުން 3 މީހަކު ވަނީ މަރުވެފައެވެ.

ޔޫކްރައިން އިން އިތުރަށް ބުނެފައި ވަނީ 948 ޑްރޯންގެ ތެރެއިން 556 ޑްރޯން ފޮނުވާލާފައި ވަނީ ޔޫކްރައިން ގަޑިން ހެނދުނު 9 ޖެހި އިރު ކަމަށެވެ. އެއީ ޖީއެމްޓީ ގަޑިން 7 ޖެހި އިރުއެވެ.

މި ހަމަލާތަކުގައި ޔުނެސްކޯ އިން ހިމާޔަތް ކޮށްފައިވާ 16 ވަނަ ގަރުމުގެ އާސާރު ތަކެއް ހުރި ލަވީވްގެ އިމާރާތެއް ވަނީ ހަލާކުވެސް ވެފައެވެ.

ލަވީވް އާ އިންވެގެން އޮންނަ އިވާނޯ ފްރޭންކްވިސްކް ގައި ހުރި މާބަނޑު މީހުންގެ ހޮސްޕިޓަލަކަށް ވެސް ހަމަލާ އަމާޒުވެ ވަނީ ހަލާކުވެފައެވެ.

މިހަމަލާތަކުގައި މަރުވި މީހުންގެ އިތުރުން 32 މީހަކު ޒަހަމްވެފައި ވެސް ވެއެވެ.

އިއްޔެރޭ ވެސް ރަޝިއާއިން ވަނީ ޔޫކްރައިން އަށް ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި 392 ޑްރޯން އާއި 24 މިސައިލް ބޭނުން ކޮށްފައި ވާކަމަށް ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވެއެވެ.

ހަމަލާތަކާ ގުޅިގެން ވާހަކަ ދައްކަވަމުން އޭނާ އިތުރަށް ވިދާޅުވީ، ރަޝިއާގެ ހަމަލާތަކުން ދައްކައިދެނީ އެގައުމުން ހަނގުރާމަ ހުއްޓަން ބޭނުން ނުވާ ކަމެވެ.

ފެބްރުއަރީ 2022 ގައި ރަޝިއާއިން ޔޫކްރައިން އަށް ހަމަލާ ދޭން ފެށިފަހުން މި ވީ 3 އަހަރުގެ ތެރޭގައި ދެފަރާތުން ވަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އަދި މިހާރުވެސް ދެފަރާތުން ހަމަލާތައް ބަދަލުކުރަމުން ގެންދާ އިރު، ހަމަލާތައް ދެމުން ގެންދަނީ އާންމުންނަށް ލިބޭ ގެއްލުންތައް ކުޑަވާނެ ގޮތަށް ނަމަވެސް އަސްކަރިއްޔާގެ ފައުޖީންނަށް އަމާޒު ކޮށްގެންނެވެ. އަދި އަސްކަރީ އާލާތްތަކާއި އަސްކަރީ ގާބިލުކަން ނައްތާލުމަށް އަމާޒު ކޮށްގެންނެވެ.

ދިރާސާވެރިން ބުނާގޮތުން ދެފަރާތުން ބަދަލުކުރަމުން ދާ ހަމަލާތަކުގައި މިހާތަނަށް 100،000 އަށް ވުރެ ގިނަ ސިފައިން ވަނީ މަރުވެފައެވެ. މަރުވެ އަދި ގެއްލުނު މީހުނާއި ޒަހަމްވި ސިފައިންގެ ސީދާ އަދަދުތައް ނޭނގެނީ ދެފަރާތުން ކުރެ ފަރާތަކުން ސައްހަ އަދަދުތައް ހާމަ ކުރަމުން ނުގެންދާތީއެވެ.