އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ (ސީއައިއޭ) ގެ ވެރިޔާ ޖޯން ރެޓްކްލިފް، އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއްގައި ސިއްރުން ރަޝިޔާގެ މޮސްކޯއަށް ވަޑައިގެން، އެ ގައުމުގެ ޖާސޫސީ އިސް އޮފިޝަލުންނާ އަންގާރަ ދުވަހު ބައްދަލުކުރައްވައިފިއެވެ.

ކްރެމްލިންއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ކުރިން އިއުލާންކުރުމަކާ ނުލައި ކުރެއްވި މި ދަތުރުފުޅުގައި ރެޓްކްލިފް ވަނީ ރަޝިޔާގެ ބޭރުގެ ޖާސޫސީ އިދާރާގެ ވެރިޔާ ސަރްގޭ ނަރީޝްކިންއާ ބައްދަލުކުރައްވާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި ރެޓްކްލިފްގެ މި ދަތުރުފުޅަކީ "އާދައިގެ" ދަތުރުފުޅެކެވެ. ނަމަވެސް، 10،000 މޭލުގެ ރާސްތާއެއް ކަޑައްތުކުރައްވައި ސީއައިއޭގެ ވެރިޔާ މޮސްކޯއަށް ކުރެއްވި މި ސިއްރު ދަތުރުފުޅަކީ އާދައިގެ ކަމެއް ނޫން ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.

މިއީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސީއައިއޭގެ ވެރިޔަކު ރަޝިޔާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މީގެ ކުރިން މިފަދަ ދަތުރުފުޅެއް ކުރެއްވީ ރެޓްކްލިފްގެ ކުރިން އެ މަގާމުގައި ހުންނެވި ވިލިއަމް ބާންސްއެވެ. އެ ދަތުރުފުޅު ކުރައްވާފައިވަނީ ޔޫކްރެއިނަށް ހަމަލާދިނުމަށް ރަޝިޔާއިން ރާވަމުންދިޔަ ދުވަސްވަރުގައެވެ.

މި ދަތުރުފުޅުގެ ރަސްމީ ބޭނުމެއް އެމެރިކާއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ 'ޕޮލިޓިކޯ' ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ބޯލްޓިކް ގައުމުތަކާ ދެކޮޅަށް ރަޝިޔާއިން އެއްވެސް ހަމަލާއެއް ނުދިނުމަށް އިންޒާރުކުރުމެވެ. އަދި ޔޫކްރެއިން ހަނގުރާމައިގެ މައްސަލައިގައި ނޭޓޯގެ މެންބަރު ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅައި، މައްސަލަ އިތުރަށް ގޯސްނުކުރުމަށް އެންގުން ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ އަންދާޒާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ގެންދަވަނީ ނޭޓޯގެ މެންބަރު ގައުމަކަށް ކުޑަ ހަމަލާއެއް ދިނުމަށް ރާއްވަވަމުންނެވެ. ޔޫކްރެއިނުން ދުރު ރާސްތާގެ ޑްރޯން ބޭނުންކޮށްގެން ރަޝިޔާގެ ހަކަތަ އުފައްދާ ކާރުހާނާތަކަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ރަޝިޔާގެ އެތެރޭގެ ޕްރެޝަރު ޕޫޓިންއަށް ވަނީ ބޮޑުވެފައެވެ. މި ހަމަލާތަކުގެ ސަބަބުން ރަޝިޔާގެ އާންމުންނަށް ހަނގުރާމައިގެ އަސަރު ކުރަމުންދާ ކަމަށާއި، ތެޔޮ ހޯދުމަށް ދިގު ކިއޫތަކުގައި ތިބެންޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ކްރެމްލިންއިން ދެކޭ ގޮތުގައި މިއީ ޔޫކްރެއިން މެދުވެރިކޮށް ނޭޓޯއިން ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ނުސީދާ ހަނގުރާމައެކެވެ.

ރަޝިޔާއިން މިއަށް ރައްދުދީފާނެ ގޮތްތަކާ ގުޅޭގޮތުން ތަފާތު ގޮތްތަކެއް ބެލެވެމުންދާ ކަމަށް ބީބީސީން ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ ވެރިރަށް ކީވްއަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ހަމަލާތައް އިތުރުކުރުން ހިމެނެއެވެ. މިފަދަ ހަމަލާތަކެއް ދޭން ރާވަމުންދަނީ، މިސައިލް ދިފާއުކުރާ 'ޕެޓްރިއަޓް' ނިޒާމުތައް ޔޫކްރެއިންގައި މަދުވެފައިވާކަން ރަޝިޔާއަށް އެނގޭތީ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، ނޭޓޯގެ ގައުމުތަކާ ދެކޮޅަށް ރަޝިޔާއިން މިހާރުވެސް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ހައިބްރިޑް ހަނގުރާމަ ފުޅާކުރުން އެކަށީގެންވެއެވެ. މީގެ ތެރޭގައި ސައިބަރ ހަމަލާތަކާއި، ޑްރޯން ހަމަލާތަކުގެ އިތުރުން ހަތިޔާރު އުފައްދާ ކާރުހާނާތަކުގައި ރޯކޮށްލުން ފަދަ ކަންކަން ހިމެނެއެވެ. ޖަރުމަނުވިލާތުގެ ލައިޕްޒިގް ސިޓީގެ އެއާޕޯޓަކުން ފެނުނު ގޮވާއެއްޗެހި ހަރުކޮށްފައިވާ ޑްރޯންއަކީ ރަޝިޔާގެ އެއްޗަކަށް ވުން ގާތް ކަމަށް ސަލާމަތީ ކަންކަމާބެހޭ މާހިރުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

އިނގިރޭސިވިލާތަށް ވެސް ރަޝިޔާގެ ނުރައްކާ އޮތް ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އިނގިރޭސިވިލާތުގެ މިސައިލް ބޭނުންކޮށްގެން ޔޫކްރެއިނުން ރަޝިޔާއަށް ހަމަލާދޭނަމަ، އޭގެ ބަދަލުހިފުމުގެ ގޮތުން އިނގިރޭސިވިލާތުގެ އަސްކަރީ އަމާޒުތަކަށް ރަޝިޔާއިން ހަމަލާދީފާނެ ކަމަށް އެ ގައުމުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނަކު ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފައެވެ.

ރަޝިޔާގެ އެތެރޭގެ ހަރުކަށި ފަރާތްތަކުގެ ބާރުއެޅުމާއެކު، ކްރެމްލިންއިން އެހެން ގޮތްތަކަކަށް ވެސް ވިސްނަމުންދާ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި ބޯލްޓިކް ގައުމަކަށް ކުޑަ ހަމަލާއެއް ދީގެން ނޭޓޯގެ ގާބިލުކަން އިމްތިހާނުކުރުން ހިމެނެއެވެ. ކުރިން ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައި އޮތް އެސްޓޯނިއާ، ލެޓްވިއާ އަދި ލިތުއޭނިއާއަކީ މިހާރު ނޭޓޯގެ މެންބަރު ގައުމުތަކެވެ. ނަމަވެސް އެ ގައުމުތަކުގައި ރަޝިޔާ ބަހުން ވާހަކަދައްކާ ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޭޓޯއާ މެދު ގެންގުޅުއްވާ ވިސްނުންފުޅުގެ ސަބަބުން، ލިތުއޭނިއާ ފަދަ ގައުމަކަށް ކުޑަ ހަމަލާއެއް ދިނަސް ނޭޓޯގެ 5 ވަނަ މާއްދާ ތަންފީޒު ނުކުރާނެ ކަމަށާއި، އެމެރިކާއިން ރައްދު ނުދޭނެ ކަމަށް ޕޫޓިން އަންދާޒާކުރެއްވުން އެކަށީގެންވާ ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ. އެހެންކަމުން، ސީއައިއޭގެ ވެރިޔާގެ މި ދަތުރުފުޅަކީ ނޭޓޯގެ 5 ވަނަ މާއްދާއަށް އެމެރިކާއިން އަދިވެސް ފުރިހަމައަށް އަމަލުކުރާނެކަން ރަޝިޔާއަށް ހަނދާންކޮށްދިނުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.

ލިތުއޭނިއާއަކީ ކްރެމްލިންއިން ހާއްސަ ސަމާލުކަމެއް ދޭ ގައުމެކެވެ. އެއީ ޕޮލެންޑާއި ލިތުއޭނިއާ ގުޅޭ ބޯޑަރު ކަމަށްވާ ސުވަލްކީ ގޭޕްގެ ސަބަބުންނެވެ. އެންމެ 60 މޭލު ދިގުމިން ހުންނަ މި ސަރަހައްދަކީ ރަޝިޔާއާ ގުޅިފައިވާ ބެލަރޫސްއާއި، ރަޝިޔާގެ މައި ބިމާ ވަކިން އޮންނަ ނިއުކްލިއަރ ހަތިޔާރު ހުރި ކަލިނިންގްރާޑްއާ ދެމެދު އޮންނަ ހަމައެކަނި ސަރަހައްދެވެ. ރަޝިޔާއިން މި ސަރަހައްދު ހިފައިފިނަމަ، ބޯލްޓިކް ތިން ގައުމު ނޭޓޯގެ އެހެން ގައުމުތަކާ އެއްގަމު މަގުން ގުޅުން ކެނޑިގެންދާނެއެވެ.

މީގެ އިތުރުން، ރަޝިޔާއިން ޓެކްޓިކަލް ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެ ކަމުގެ ބިރު ވެސް އެބައޮތެވެ. ރަޝިޔާގެ އަސްކަރީ އުސޫލުތަކުގައި މިފަދަ ކުދި ނަމަވެސް ބާރުގަދަ ހަތިޔާރުތަކަކީ ހަނގުރާމައިގެ މުހިންމު ބައެއް ކަމަށް ބަލައެވެ. ނިއުކްލިއަރ ހަތިޔާރު ބޭނުންނުކުރުމަށް އޮންނަ 81 އަހަރުވީ އުސޫލު މުގުރާނުލުމަށް ރަޝިޔާގެ އެކުވެރިންނާއި ދުޝްމަނުން ވެސް ވަނީ އިންޒާރުދީފައެވެ. ނަމަވެސް، ޔޫކްރެއިން އަމާންދިނުމަށް މަޖުބޫރުކުރުވުމުގެ ގޮތުން، މިފަދަ ހަތިޔާރެއް ބޭނުންކުރުމަކީ ޕޫޓިންއަށް އޮތް ފުރުސަތެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއިން މި ދަތުރުފުޅުގެ ރަސްމީ ސަބަބު ހާމަކޮށްފައި ނުވާތީ، މިއީ އެހެން ކަމަކާ ގުޅިގެން ކުރެއްވި ދަތުރުފުޅަކަށް ވުން ވެސް އެކަށީގެންވެއެވެ. އޭގެ ތެރޭގައި އީރާނާއެކު ރަޝިޔާއިން ކުރިއަށްގެންދާ އަސްކަރީ އެއްބާރުލުން ހުއްޓާލުމަށް ބާރުއެޅުން، ނުވަތަ ގައިދީން ބަދަލުކުރުމުގެ މައްސަލަ، ނުވަތަ ރަޝިޔާގެ ސިފައިން ގިނަ އަދަދަކަށް އެއްކުރަމުންދާ މައްސަލަ ހިމެނިދާނެ ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.