ޔޫކްރެއިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީއާ އެކު ބައްދަލުކޮށް މަޝްވަރާކުރުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ދެކޮޅުހައްދަވައިފިއެވެ. ޕުޓިން ވިދާޅުވި ގޮތުގައި، މި ވަގުތު އެފަދަ ބައްދަލުވުމެއް ބޭއްވުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

މިކަން ހާމަކުރައްވާފައިވަނީ ހުކުރު ދުވަހު ސެންޓް ޕީޓަސްބާގްގައި ކުރިއަށްދިޔަ ބައިނަލްއަގުވާމީ އިގުތިސާދީ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕުޓިން މިހެން ވިދާޅުވެފައި މިވަނީ، ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ދެ ލީޑަރުން ބައްދަލު ކުރެއްވުމަށް އެދިވަޑައިގެން ޒެލެންސްކީ އާންމު ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ.

ޒެލެންސްކީގެ ސިޓީއަށް ރައްދުދެއްވަމުން ޕުޓިން ވިދާޅުވީ، އެ ސިޓީގައި ބައެއް ހަރުކަށި އިބާރާތްތައް ހިމެނޭ ކަމަށާއި، އެއީ އިހުލާސްތެރި ކަމާއެކު ފޮނުއްވާފައިވާ ސިޓީއެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އެ ސިޓީއަކީ ބައްދަލުވުމަކަށް މަގުފަހިކުރުމުގެ ބަދަލުގައި، ބައްދަލުވުން ނުބޭއްވުމަށް އަމާޒުކޮށް ފޮނުއްވާފައިވާ ސިޓީއެއް ކަމަށް ބެލެވޭ ކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

މީގެ އިތުރުން، ރަޝިއާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުވަންދެން އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށް ޕުޓިން ވަނީ ތަކުރާރު ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ޔޫކްރެއިނުން ކުރިއަށް އަރަމުންދާ ދިއުން ހުއްޓާލުމުން ނޫނީ މަޝްވަރާތަކެއް ފެށުމުގެ މާނައެއް ނެތެވެ. އަދި ލީޑަރުން ބައްދަލުކުރުމުގެ ކުރިން، ދާއިރާގެ ތަޖުރިބާކާރުން މަސައްކަތްކޮށް ހައްލުތަކެއް ހޯދަންޖެހޭ ކަމަށްވެސް ޕުޓިން ފާހަގަ ކުރެއްވިއެވެ. މީގެ ކުރިން ޕުޓިން ވަނީ މަޝްވަރާ ކުރުމަށް މޮސްކޯއަށް ވަޑައިގަތުމަށް ޒެލެންސްކީއަށް ދައުވަތު ދެއްވާފައެވެ. ނަމަވެސް ޒެލެންސްކީ ވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ. ޕުޓިން ވިދާޅުވެފައިވަނީ ތިންވަނަ ގައުމެއްގައި ބައްދަލު ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށާއި، ނަމަވެސް އެކަން ކުރެވޭނީ ސޮއިކުރާނެ އެއްބަސްވުމެއް އޮވެގެން ކަމަށެވެ.

ޕުޓިންގެ މި ނިންމެވުމާ ގުޅިގެން ޒެލެންސްކީ ވަނީ ހުކުރު ދުވަހުގެ ރޭ ދެއްވި ވީޑިއޯ މެސެޖެއްގައި ރައްދުދެއްވާފައެވެ. ޒެލެންސްކީ ވިދާޅުވި ގޮތުގައި، ޕުޓިންގެ މި ނިންމެވުމުން ދައްކުވައިދެނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްވެސް ޝައުގުވެރިކަމެއް ކްރެމްލިންގައި ނެތް ކަމެވެ. އަދި މިއީ ވަރަށް “ބަލިކަށި ރައްދެއް” ކަމަށާއި، މިކަމުގެ ސަބަބުން ދުނިޔޭގެ ގިނަ ބަޔަކު މާޔޫސްވާނެ ކަމަށްވެސް ޔޫކްރެއިންގެ ރައީސް ވިދާޅުވިއެވެ.

ފަސްވަނަ އަހަރަކަށް އެޅިފައިވާ މި ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތައް ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. މީގެ މައިގަނޑު ސަބަބަކީ، ރަޝިއާއިން ހިފާފައިވާ ޔޫކްރެއިންގެ ބިންތައް ދޫކޮށްލުމަށް ދެކޮޅުހެދުމާއި، އެ ބިންތައް ރަޝިއާއަށް ދިނުމަށް ޔޫކްރެއިނުން އިންކާރު ކުރުމެވެ. މީގެ އިތުރުން، އެމެރިކާގެ ސަމާލުކަން އީރާނުގައި ހިނގަމުންދާ ހަނގުރާމައަކަށް އެނބުރިފައިވުމުން، ސުލްހައިގެ މަޝްވަރާތަކަށް އިތުރު ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ޒެލެންސްކީގެ ސިޓީގައި މިކަމަށް އިޝާރާތް ކުރައްވައި ވިދާޅުވެފައި ވަނީ، އެމެރިކާއިން އަލުން މިކަމުގެ ތެރެއަށް ވަންނަންދެން މަޑުކުރުމަކީ ގޯހެއް ކަމަށެވެ.

ޕީޓަސްބާގް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވަނީ ރަޝިއާގެ އިގުތިސާދާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށްވެސް ރައްދުދެއްވާފައެވެ. ހަނގުރާމައިގެ ހަރަދުތަކާއި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ހުރެ ރަޝިއާގެ އިގުތިސާދު ފުނޑުފުނޑުވަމުންދާ ކަމަށް ބުނާ ބުނުންތައް އޭނާ ދޮގުކުރެއްވިއެވެ. ރަޝިއާގެ މާލީ ހާލަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ތަކެތީގެ އަގުބޮޑުވުމާއި، ޓެކްސް ބޮޑުކުރުމުގެ އިތުރުން ލޯނު ނެގުމުގެ އިންޓަރެސްޓް ރޭޓް ފާއިތުވި ވިހި އަހަރު ނުދާހާ މައްޗަށް ގޮސްފައިވުމުން އާންމު ރައްޔިތުންނަށް ވަނީ އޭގެ އަސަރުކޮށްފައެވެ.

މީގެ އިތުރުން، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރަޝިއާގެ އިގުތިސާދު ވަނީ 0.2 އިންސައްތަ ދަށަށް ގޮސްފައެވެ. މިއީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އިގުތިސާދު މިގޮތަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. ނަމަވެސް ޕުޓިން ވިދާޅުވީ، ރަޝިއާގެ އިގުތިސާދު ވެއްޓިފައިވަނީ ޔޫރަޕްގެ ގައުމުތައް ފާއިތުވި އަހަރުތަކުގައި އުޅެމުންދިޔަ ހާލަތަށް ކަމަށާއި، ރަޝިއާއިން މަސައްކަތްކުރަމުންދަނީ އަމިއްލަވަންތަ އިގުތިސާދެއް ބިނާކުރުމަށް ކަމަށެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަޝިއާއިން ހަނގުރާމައިގެ މައިދާނުގައި ކުރިއަށްދާނެ ކަމަށާއި، މަދުވެގެން މިވަގުތަށް ހަނގުރާމަ ނިންމާލުމުގެ ވިސްނުމެއް ޕުޓިންގެ ނެތްކަން މިކަމުން ހާމަވެއެވެ. މިވަގުތު ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާއިރު، ރަޝިއާއިން ހިފާފައިވާ ބިންތައް ދޫކޮށްލުމަށް އެ ގައުމުން ދެކޮޅުހަދަމުންދެއެވެ. އަދި ޔޫކްރެއިނުން ވަނީ އެއްވެސް ބިމެއް ދޫކޮށްނުލާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.