ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލި ހާދިސާ މި މަހު 19 ވަނަ ހިނގާފައިވާއިރު މި ލޯންޗުގައި ތިބި މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައިކަމަށާއި، އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ދަނީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުންކަމަށެވެ.

އަދި މި ހާދިސާގައި އަތެއް ބުރިވެ ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި މިއަދުގެ ވަގުތެއްގައި އިންޑިއާއަށް ފުރާފައިވާކަމަށާއި، ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި އިތުރު ދެ މީހަކު ވަނީ އިއްޔެ ފަރުވާއަށް އިންޑިއާއަށް ގޮސްފައިކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ މިއީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިންގިރޭސިވިލާތަށް ނިސްބަތްވާ އަންހެނެއް ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ ހަތް މީހުން ތިބިކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންކަމަށެވެ. އަދި މި ހާދިސާގައި އުޅަނދުން ކަނޑަށް ވެއްޓިފައިވަނީ ފަސް މީހުންކަމަށާއި އެއީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި ހާދިސާއާއި ގުޅޭގޮތުން ވ. އަތޮޅު ކައުންސިންލްގެ ރައީސް ޝުޖާއު ވަނީ ލޯންޗުގައި ތިބި މީހުން ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ލޯންޗު ދުއްވަން އިނީ އިންޑިއާގެ ރޭމަންޑް ގްރޫޕުގެ ވެރިޔާ ގޯތަމް ސިންހާނިޔާ ކަމަށާއި، ސިންހާނިޔާ ހިމެނޭހެން އެ ލޯންޗުގައި ތިބި މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށެވެ.

އަދި އިދާރާތަކުން އެއްކުރި މައުލޫމާތުތަކުން އެނގެނީ މީހުން ވިއްސައިގެން ދިޔަައީ ބާެރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވުމުން ކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ ރިކޯޑްތަކުން ދައްކާ ގޮތުން އެ ލޯންޗު ގަޑިއަކު 72 މޭލަށް ދުއްވާފައިވާކަމަށާއި، އަތޮޅުތެރޭ ދުއްވާ ގަލްފް ކްރާފްޓުގެ ސްޕީޑް ލޯންޗެއް ވެސް އެންމެ ބާރަށް ދުއްވަނީ ގަޑިއަކު 42 މޭލަށް ކަމަށެވެ.

ޝުޖާއު ވިދާޅުވީ ބޮޑަށް ބެލެެވެނީ މި ހާދިސާ ހިނގާފައިވަނީ ޑްރިފްޓް ޖައްސަމުން ސަކަރާތް ޖެހުމުގެ ތެރޭގައި ކަމަށާއި، މިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ގޯތަމް ސިންހާނިޔާ ދެކޮޅުވެސް ހަދާފައިވާކަމަށެވެ. އޭނާއަށްވެސް ފުރަތަމަ ފަރުވާދީފައިވަނީ ފެލިދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައިކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ އޭނާގެ އަމިއްލަ އެއްވެސް މައުލޫމާތެއްވެސް ފުލުހުންނަށް ދިނުމަށް އޭނާ ދެކޮޅު ހަދާފައިވާކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ މާޗް 20 ވަނަ ދުވަހުގެ ދަންވަރު 00:40 ހާއިރު މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުމާ އެކު، ކަނޑާއި ވައިގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އެގޮތުން މިހާތަނަށް ކަނޑުމަގުން 3450 ސްކެއާ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ އިރު، ކަނޑު އަޑިން ފީނައިގެން 7000 ސްކެއާ މީޓަރުގެ ސަރަހައްދެއްވެސް ބަލާފައިވާކަމަށް ވަނީ ބުނެފައެވެ.

އަދި މިއަދު ވެސް ކަނޑުމަގުންނާއި ވައިގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.