މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ.

އެގޮތުން މިއަދު މި ގެނެސްދެނީ ދެކުނު ޔޫރަޕުގައި އޮންނަ ރީތި ގައުމެއްކަމަށްވާ އިޓަލީއާ ގުޅޭ މުހިންމު މައުލޫމަތެވެ. މިއީ މުއްސަނދި ތާރީހާއި، އާކިޓެކްޗަރުގެ އިތުރުން މީރު ކެއުންތަކުގެ ސަބަބުން މަޝްހޫރުވެފައިވާ ގައުމެކެވެ. ހުޅަނގުގެ 'ތަހުޒީބުގެ އުފަން' ގައުމުގެ ގޮތުގައި ސިފަކުރާ އިޓަލީއަކީ އާޓް، ސައިންސް އަދި ސަގާފީ ގޮތުންވެސް މުހިންމު ދައުރެއް އަދާކުރާ ގައުމެކެވެ. އިޓަލީގެ ހިތްގައިމު ތަންތަން، އުތުރުގައި ސްނޯއިން ފުރިފައިވާ އަލްޕްސް ފަރުބަދަތަކުން ފެށިގެން ދެކުނުގައި އޮންނަ މެޑިޓެރޭނިއަން ގޮނޑުދޮށްތަކާ ހަމައަށް އޮވެއެވެ.

ގާތްގަނޑަކަށް 60 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ގައުމުގެ އާބާދީ އެންމެ ގިނައިން އުޅެނީ ރޯމް، މިލާން، ނޭޕްލްސް އަދި ޓިއުރިން ފަދަ އާބަން ސަރަހައްދުތަކުގަ އެވެ. އިޓަލީގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީއެއް އޮތް ނަމަވެސް، އެ ސިޓީތައް އަދިވެސް އޮތީ ސަގާފަތާއި ޓޫރިޒަމްގެ މައި ހަބެއްގެ ގޮތުގައެވެ.

އިޓަލީގައި ރަސްމީ ފައިސާއެއްގެ ގޮތުގައި ބޭނުން ކުރަމުންދަނީ ޔޫރޯއެވެ. މިއީ ތާރީހާއި ސަގާފަތާއި ގުދުރަތީ ރީތިކަން އެކުލެވިގެންވާ ގައުމެކެވެ. ރޯމް، ފްލޮރެންސް، ވެނިސް އަދި މިލާން ފަދަ ސިޓީތަކުން ކޮންމެ އަހަރަކުވެސް އެތައް މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާއިރު މިއީ ފެޝަން އިންޑަސްޓްރީއާއި، އާޓް ގެލަރީތަކާއި، ފެސްޓިވަލްތަކަށް ވެސް މަޝްހޫރު ގައުމެކެވެ.

އިޓަލީގެ ބޭނުންކުރާ ފައިސާ، ޔޫރޯ

ރާއްޖެއިން އިޓަލީއަށް ދަތުރު ކުރާ އެއާލައިންތަކުގެ ތެރޭގައި އެމިރޭޓްސް، ފްލައި ދުބާއީ އަދި ގަތަރު ހިމެނެއެވެ. ޓިކެޓުގެ 620 ޑޮލަރުން ފެށިގެން 900 ޑޮލަރާއި ދެމެދުގެ އަގެއްގައި ލިބޭއިރު އެކި މޫސުން ތަކުގައި މި އަގަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. ދެން މި ގެނެސްދެނީ އެ ގައުމުގައި ޒިޔާރަތް ކޮށްލަން ރަނގަޅު ތަންތަނުގެ މައުލޫމާތެވެ.

ރޯމް:

އިޓަލީގެ ވެރިރަށް ރޯމަށް "އެޓާނަލް ސިޓީ" ގެ ނަމުން ނަން ދެވިފައި ވަނީ 2000 އަހަރަށްވުރެ ދިގު އަދި މުއްސަނދި ތާރީހެއް އޮތުމުންނެވެ. މި ސިޓީއަކީ ޒަމާންވީ އާކިޓެކްޗާ އާއި ރީތި މަގުތަކާއި ޒަމާނީ ސަގާފަތާއެކު، ހަނދާނުން ފޮހެ ނުލެވޭނެފަދަ ތަޖުރިބާއެއް ކުރެވޭނެ ސިޓީއެކެވެ.

'ކޮލޯސިއަމް' އަކީ ރޯމްގެ އެންމެ ފާހަގަކޮށްލެވޭ އެއް ރަމްޒެވެ. އަދި ހަމަ އެހެންމެ އެތައް މިލިއަން ބަޔަކު ޒިޔާރަތް ކުރާ އަނެއް ތަނަކީ"ޕެންތިއޯން" އެވެ. މިއީ ރޯމަން އިންޖިނިއަރިން އާއި އާކިޓެކްޗާގެ އަޖައިބެއްގެ ގޮތުގައި ސިފަ ކުރާ ތަނެކެވެ. ހަމަ އެފަދައިން ވެޓިކަން ސިޓީގައި ހުންނަ ސެއިންޓް ޕީޓާސް ބެސިލިކާ ވެސް ރަމްޒުކޮށްދެނީ ރޯމްގެ ދީނީ މަރުކަޒެއްގެ ގޮތުގަ އެވެ.

ރޯމްގައި ހިމެނޭ ބައެއް އިމާރާތްތައް

ވެނިސް:

ވެނިސް އަކީ ދުނިޔޭގެ އެންމެ ހިތްގައިމު އެއް ސިޓީއެވެ. އިޓަލީގެ އުތުރުގައި އޮންނަ މި ސިޓީ ބިނާކޮށްފައި ވަނީ 100 އަށްވުރެ ގިނަ ކުދި ރަށްތަކުގެ ވިއުގައެއްގެ މައްޗަށެވެ. ވެނިސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ މީހުންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އެހެން ސިޓީތަކާ ހިލާފަށް ވެނިސްގައި ކާރުގެ ބަދަލުގައި ދަތުރު ކުރަނީ ބޯޓުގައެވެ.

ވެނިސްގެ ހިތްގައިމު ތަނަކީ ސެއިންޓް މާކްސް ސްކޮޔާ (ޕިއާޒާ ސެން މާކޯ) އެވެ. ސެއިންޓް މާކްސް ބެސިލިކާއަކީ ރަން ކުލައިގެ 'މޮޒެއިކް' އަކީ ފުރިހަމަ ޑިޒައިންތަކާއެކު ވެނިސްގެ ތާރީހު ދައްކުވައިދޭ ތަނެކެވެ. މީގެ އިތުރުން ބެސިލިކާގެ ބެލް ޓަވާ "ކެމްޕަނައިލް ޑި ސެން މާކޯ" އަށް ޒިޔާރަތް ކުރާ މީހުންނަށް އެ ސިޓީގެ ހިތްގައިމު މަންޒަރުތައް ފެނުމަކީ އެ ސިޓީގެ ހިތްގައިމުކަން އިތުރަށް ފާޅުވާ ކަމެކެވެ. ވެނިސްގެ މުއްސަނދި ސިޔާސީ ތާރީހު ދައްކުވައިދޭ މި ގަނޑުވަރުގައި ހުރި ބޮޑެތި ހޯލްތަކާއި، އާޓްތަކުން ފުރިފައިވާ ކޮޓަރިތަކާއި، ގަނޑުވަރު ގުޅުވައިދޭ މަޝްހޫރު ބްރިޖް އޮފް ސިގްސްވެސް ހިމެނެއެވެ.

ވެނިސްގައި ކާރުގެ ބަދަލުގައި ދަތުރު ކުރަނީ ބޯޓު ފަހަރުގައި

ފްލޮރެންސް:

އިޓަލީގެ ޓަސްކަނީ ސަރަހައްދުގެ ވެރިރަށް ފްލޮރެންސް އަކީ އާޓާއި ތާރީހާއި ސަގާފަތް އެއްތަނަކުން އެއްކޮށްލި ރެނައިސަންސްގެ މައި ތަނެކެވެ. އާނޯ ކޯރުގެ އައްސޭރިފަށުގައި އޮންނަ ފްލޮރެންސް މަޝްހޫރުވެފައި ވަނީ އާކިޓެކްޗާ އާއި ދުނިޔޭގެ ފެންވަރުގެ ދާރުލްއާސާރުތަކާއި ޒަމާންވީ މަގުތަކުގެ މައްޗަށެވެ. ފްލޮރެންސް އިން ހިނގާފައި ދިއުމަކީ ލިވިން މިއުޒިއަމަށް ވަދެގެން ދިއުން ކަހަލަ އިހުސާސެއް ކުރެވެ އެވެ.

ފްލޮރެންސްގެ ހިތްގައިމު ތަނަކީ ފިލިޕޯ ބްރޫނެލެޝީ ޑިޒައިން ކޮށްފައިވާ ރަތް ޓައިލްސް ޖަހާފައިވާ 'ކެތީޑްރަލް އޮފް ސެންޓަ މާރިއާ ޑެލް ފިއޯރް'އެވެ. ކެތީޑްރަލްގެ ރީތި ކުރެހުންތަކާއި، ހިތްގައިމު ފްރެސްކޯތަކާއި، އުސް ކެމްޕަނައިލްގެ ސަބަބުން މިއީ ދުނިޔޭގެ އެންމެ ހިތްގައިމު އާކިޓެކްޗަރަލް ކާމިޔާބީތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. ޑޯމްގެ އެންމެ މައްޗަށް އަރައިގެން ދިއުމުން އެ ސިޓީ އާއި ވަށައިގެންވާ ޓަސްކަން ފަރުބަދަތަކުގެ ހިތްގައިމު މަންޒަރުތައް ފެނިގެންދާނެ އެވެ.

ފްލޮރެންސްގެ ހިތްގައިމު ބިނާ ތަކާއި މަންޒަރުތައް

މިލާން:

އިޓަލީގެ އުތުރުގައި އޮންނަ މިލާނަކީ ޒަމާނީ ރީތިކަމާއި ތާރީހީ ރީތިކަން އެކުލެވިގެންވާ ހިތްގައިމު ސިޓީއެކެވެ. ދުނިޔޭގެ ފެޝަން އަދި ޑިޒައިން ކެޕިޓަލްގެ ގޮތުގައި މަޝްހޫރުވެފައިވާ މިލާނަކީ ސަގާފަތާއި، ވިޔަފާރި އަދި އީޖާދުތަކަށް މަޝްހޫރު ތަނެކެވެ. މި ސިޓީއަކީ ޒަމާނުއްސުރެ ޒަމާންވީ ތާރީހާއި ރީތި އާކިޓެކްޗާ އާއި ސަގާފީ މަންޒަރުތަކެއް ލިބިފައިވާ ސިޓީއެކެވެ.

19 ވަނަ ގަރުނުގެ ޝޮޕިން އާކޭޑެއް ކަމަށްވާ ގެލެރިއާ ވިޓޯރިއޯ އިމަނުއެލް 2 އަކީ ތާރީހާއި ރީތިކަން އެއްކޮށްލާ ތަނެކެވެ. ބިއްލޫރި ފުރާޅު ހަދާފައިވާ މި ގެލެރީގައި ލަގްޒަރީ ބުޓީކްތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް ހުރެ އެވެ.

މިލާން ސިޓީ

އަމާލްފީ ކޯސްޓް:

އިޓަލީގެ ދެކުނުގައި އޮންނަ ސޮރެންޓައިން ޕެނިންސުލާ ކައިރީގައި އޮންނަ އަމާލްފީ ކޯސްޓަކީ ދުނިޔޭގެ އެންމެ ހިތްގައިމު އެއް ގޮނޑުދޮށުގެ މަންޒިލެވެ. ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓަކީ ގުދުރަތީ ރީތިކަމާއި ތާރީހާއި ސަގާފަތް ވަރަށް ފުރިހަމަ ތަނެކެވެ. 50 ކިލޯމީޓަރަށް ދިގު މި އަމާލްފީ ކޯސްޓް އަކީ ޓައިރޭނިއަން ކަނޑުގެ ހިތްގައިމު މަންޒަރުތައް ފެންނަ މަގުތަކުން ގުޅުވާލެވިފައިވާ ހިތްގައިމު ޓައުންތަކެވެ.

މި ގޮނޑުދޮށް މަޝްހޫރުވެފައި ވަނީ ކަނޑުގެ އަޑިއަށް އަރާ ފަރުބަދަތަކުގެ ސަބަބުންނެވެ. ޕޮސިޓާނޯ، އަމާލްފީ، ރަވެލޯ އަދި ޕްރަޔާނޯ އަކީ ދަތުރުވެރިންގެ މެދުގައި އެންމެ ހިތްގައިމު އެއް އަވަށެވެ. ޕެސްޓަލް ކުލައިގެ އިމާރާތްތަކާއި، ކުރު މަގުތަކާއި، ހިލަ ގޮނޑުދޮށްތަކުން ފުރިފައިވާ ޕޮސިޓާނޯ އެތަނުގެ އުސް ސިޑިތަކާއި ބުޓީކް ފިހާރަތަކުން ހިތްގައިމު މާހައުލެއް އުފެދި، ފޮޓޯގްރާފަރުންނާއި ހަނީމޫން ބަލާ މީހުންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.

އަމާލްފީ ކޯސްޓް

އިޓަލީ އަކީ ތާރީހާއި ސަގާފަތާއި ގުދުރަތީ ރީތިކަމުން ފުރިގެންވާ ގައުމެކެވެ. ރޯމްގެ ޒަމާންވީ ހަލާކުވެފައިވާ މަގުތަކުން ފެށިގެން ވެނިސްގެ ރޮމޭންޓިކް ކެނަލްތަކާއި އާޓިސްޓިކް ރީތިކަމާ ހަމައަށް، އިޓަލީގެ ކޮންމެ ހިސާބަކުން ވެސް ހަނދާން ނައްތާނުލެވޭ ވަރުގެ މަންޒަރުތަކެއް ފެންނާނެ އެވެ. ފްލޮރެންސް އަކީ ރެނައިސަންސް އާޓް އެންޑް އާކިޓެކްޗާގެ ރީތިކަން ދައްކުވައިދޭ ތަނެކެވެ. ހިތްގައިމު ގޮނޑުދޮށްތަކާއި ހިތްގައިމު މަންޒަރުތަކަށް ބަލާލާއިރު، އަމާލްފީ ކޯސްޓަކީ ހަގީގީ ސުވަރުގެއެކެވެ. ތާރީޚަށް ލޯބި ކުރިޔަސް، އާޓް، ޝޮޕިން ނުވަތަ ހިތްގައިމު މަންޒަރުތަކަށް ލޯބި ކުރިޔަސް، އިޓަލީއަކީ ކޮންމެ ދަތުރުވެރިއެއްގެ ހިތް އަތުލައިގަނެވޭނެ ތަޖުރިބާއެކެވެ.