މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ.

އެގޮތުން މިއަދު މި ގެނެސްދެނީ ދެކުނު އޭޝިއާގައި އޮންނަ ގައުމެއް ކަމަށްވާ ޕާކިސްތާނަށެވެ. އިންޑިއާ، ޗައިނާ، އަފްޣާނިސްތާން އަދި އީރާނާ ބޯޑަރު ހިއްސާކުރާ މި ގައުމު އުފެދުނީ 1947 ވަނަ އަހަރު ބްރިޓިޝް އިންޑިއާ ބައިބައިވުމަށް ފަހުއެވެ.އެ ގައުމުގެ އެންމެ ބޮޑު ސިޓީ އަދި އިގްތިސާދީ މައި ސިޓީއަކީ ކަރާޗީއެވެ.

ޕާކިސްތާނަކީ މުއްސަނދި ސަގާފަތާއި ތާރީހާއި ގުދުރަތީ ރީތިކަމުގެ ސަބަބުން މަޝްހޫރުވެފައިވާ ގައުމެކެވެ. ފަރުބަދަތަކާއި، ކޯރުތަކާއި، ސަހަރާތަކާއި، ފެހި ބިންތައް ހުންނަ އެ ގައުމުގެ ސަގާފަތާއި ކާބޯތަކެއްޗާއި، އާއިލީ އާދަކާދަތަކުގެ ސަބަބުން ވެސް އެ ގައުމަކީ މުހިންމު ގައުމެކެވެ. 240 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މި ގައުމަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ފަސް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އަދި ޕާކިސްތާނުގައި ބޭނުން ކުރަމުންދާ ރަސްމީ ފައިސާއަކީ ޕާކިސްތާން ރުޕީސް އެވެ.

ޕާކިސްތާނުގައި ބޭނުން ކުރަމުންދަ ފައިސާ، ޕާކިސްތާން ރުޕީސް

ޕާކިސްތާނުން ރާއްޖެއަށް 6 އެއާލައިނަކުން ދަތުރު ކުރަމުންދާއިރު އެންމެ މަގުބޫލު ރޫޓަކީ ކަރާޗީގެ ޖިނާހު އިންޓަނޭޝަނަލް އެއާޕޯޓުން ފެށިގެން މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ރޫޓެވެ. ވަންވޭގެ ދަތުރަކަށް އެވްރެޖްކޮށް 9 ގަޑިއިރު 26 މިނިޓް ހޭދަވާއިރު ވަންވޭ ޓިކެޓުގެ އަގު އުޅެނީ 589 ޑޮލަރަށް ވުރެ މަތީގައެވެ. އަދި އެކި ދުވަސް ވަރުގެ ސަބަބުން ޓިކެޓުގެ އަގަށް ބަދަލު އައުމަލީ އެކަށީގެންވާ ކަމެކެވެ. ދެން މި ގެނެސްދެނީ އެ ގައުމުގައި ޒިޔާރަތްކޮށްލަން ރަނގަޅު ތަންތަނުގެ މައުލޫމާތެވެ.

އުސް ފަރުބަދަތަކާއި ފެހި ދަނޑުތަކުން ވަށާލެވިގެންވާ، ހަންޒާ ވާދީ:

ހަންޒާ ވާދީއަކީ ޕާކިސްތާނުގެ އެންމެ ރީތި އެއް ސަރަހައްދެވެ. އެތަނުގެ ވަށައިގެންވަނީ އުސް ފަރުބަދަތަކާއި ފެހި ދަނޑުތަކެވެ. ގުދުރަތީ ރީތިކަން ތަޖުރިބާ ކުރުމަށާއި ފޮޓޯ ނެގުމަށާއި ސަގާފަތް ތަޖުރިބާ ކުރުމަށް މީހުން ހަންޒާއަށް ޒިޔާރަތް ކުރެ އެވެ. ހަންޒާގައި ދިރިއުޅޭ މީހުން ބުރުޝާސްކީ ބަހުން ވާހަކަ ދައްކާއިރު، ގިނަ މީހުންނަށް އުރުދޫ އަދި އިނގިރޭސި ބަހުން ވެސް ވާހަކަ ދައްކަން އެނގޭ އެވެ.

އެތަނަށް ޒިޔާރަތް ކުރާ މީހުން އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، އެތަނުގެ ކެއުންތަކާއި އާދަކާދަތައް ތަޖުރިބާކޮށްލުމުން ދަތުރު އިތުރަށް ފުރިހަމަ ވެގެންދެއެވެ. ހަންޒާ ވާދީގައި ޒިޔާރަތް ކުރަން ބޭނުންވާ ރީތި އެތައް ތަނެއް ހުރެ އެވެ. އޭގެ ތެރެއިން އެންމެ މަގުބޫލު އެއް ތަނަކީ އަތާބާދު ލޭކް އެވެ. މީގެ އިތުރުން ވެސް އެ ސަރަހައްދުގެ ތާރީހާއި އާކިޓެކްޗާ ދައްކުވައިދޭ ކުރީގެ އިމާރާތެއް ކަމަށްވާ ބަލްޓިޓް ފޯޓަކީ ވެސް މަޝްހޫރު ތަނެކެވެ.

ހަންޒާ ވާދީ، ގުދުރަތީ ހިތްގައިމު ކަމުން އާށޯހުވޭ

ހިތްގައިމު މާހައުލެއްގައި ވަގުތު ހޭދަކޮށްލަން ބޭނުންނަމަ، ސްކާޑޫ:

ސްކާޑޫ އަކީ ޕާކިސްތާނުގެ އުތުރުގައި އޮންނަ ގިލްގިޓް-ބަލްޓިސްތާން ނަމަކަށް ކިޔާ ސަރަހައްދެއްގައި އޮންނަ ރީތި ޝަހަރެކެވެ. އުސް ފަރުބަދަތަކާއި، ސާފު ކޯރުތަކާއި، އަމާން ވާދީތަކުން ވަށައިގެންވާ ސްކާޑޫ އަކީ އެ ގައުމުގެ އެންމެ ހިތްގައިމު އެއް މަންޒިލެވެ. ދުނިޔޭގެ އެންމެ އުސް ފަރުބަދަތަކުގެ ތެރޭގައި ހިމެނޭ މަޝްހޫރު ކޭ2 އަށް ވަންނަ ދޮރާއްޓެއްގެ ގޮތުގައި ވެސް ބޭނުންކޮށް އުޅެއެވެ.

ސްކާޑޫގެ އެންމެ މަގުބޫލު އެއް ތަނަކީ "ހެވަން އޮން އާތު" ގެ ނަމުން މަޝްހޫރުވެފައިވާ ޝަންގްރިލާ ރިސޯޓެވެ. މިއީ ޒަމާންވީ މަތިންދާބޯޓެއްގެ ތެރޭގައި ހަދާފައިވާ ރީތި ލޭކާއި ތަފާތު ރެސްޓޯރެންޓްގެ ސަބަބުން މަޝްހޫރު ތަނެކެވެ. އެތަނަށް ޒިޔާރަތް ކުރާ މީހުން އެތަނުގެ ހިތްގައިމު މާހައުލުގައި ވަގުތު ހޭދަކުރަން ވަރަށް ލޯބި ކުރެ އެވެ.

ޝަންގްރިއްލާ ރިސޯޓު، ޕާކިސްތާން

ލާހޯރް، ތާރީހީ އިމާރާތްތަކާއި މާރުކޭޓުތަކަށް މަޝްހޫރު ސިޓީއެއް:

ލާހޯރަކީ ޕާކިސްތާނުގެ އެންމެ މަޝްހޫރު އެއް ސިޓީއެވެ. އެއީ ޕަންޖާބް ޕްރޮވިންސްގެ ވެރިރަށެވެ. މުއްސަނދި ތާރީހާއި، ކުލަގަދަ ސަގާފަތާއި ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި އެކުލެވިގެންވާ ލާހޯރަކީ ކުރީގެ އަދި މިހާރުގެ އާދަކާދަތައް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް އެންމެ އެކަށޭނެ ތަނެވެ. މި ސިޓީއަކީ މުޣަލް އެމްޕަޔާ ފަދަ ތަފާތު އެމްޕަޔާތަކުން ވެރިކަން ކުރަމުން އައި ސިޓީއެކެވެ. މިކަމުގެ ސަބަބުން ލާހޯރުގައި ރީތި ތާރީހީ އިމާރާތްތަކާއި ބިނާތަކުން ވަނީ ފުރިފައެވެ.

ލާހޯރު މަޝްހޫރުވެފައި ވަނީ މަގުތަކާއި ހިތްގައިމު މާރުކޭޓުތަކަށެވެ. ދުވަސްވީ ސިޓީ ސަރަހައްދު، ހާއްސަކޮށް އަނާރްކަލީ ބާޒާރު އަކީ އަބަދުވެސް ވަރަށް ހިތްގައިމު ތަނެކެވެ. މިތަނުގައި ސަގާފީ އަންނައުނު، ގަހަނާ، ކާބޯތަކެތި އަދި އެނޫންވެސް އެތައް ތަކެތި ލިބެން ހުރެއެވެ.

ލާހޯރް ސިޓީގެ ހިތްގައިމު އެކި ތަންތަން

މުރީ - ދަ ކްއީން އޮފް ހިލްސް:

މުރީ އަކީ ޕާކިސްތާނުގެ ޕަންޖާބް ޕްރޮވިންސްގައި އޮންނަ ރީތި ހިލް ސްޓޭޝަނެކެވެ. މުރީ ތަރައްގީ ކުރީ އިނގިރޭސި ރަސްކަމުގެ ދުވަސްވަރު ހޫނު މޫސުމުގެ ރިޓްރީޓެއްގެ ގޮތުގަ އެވެ. އިނގިރޭސިން މިތަނުގައި އެތައް ޒަމާންވީ އިމާރާތްތަކާއި ފައްޅިތަކާއި ސްކޫލްތައް ބިނާ ކުރި އެވެ. މި ސްޓްރަކްޗާތަކުގެ ސަބަބުން މުރީއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތް ކުރާ މީހުންގެ ހިތްގައިމު މަންޒަރުތަކެއް ފެނިގެންދާނެ އެވެ.

މުރީގެ އެންމެ ބޮޑު އެއް އެޓްރެކްޝަން އަކީ 'މޯލް ރޯޑް މުރީ'އެވެ. ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ކެފޭތަކުން ފުރިފައިވާ މި ސިޓީއަކީ އެ ސިޓީގެ އެންމެ ބިޒީ އަދި އެންމެ ހިތްގައިމު ތަނެވެ. މި ދަތުރުތަކަށް ޒިޔާރަތް ކުރާ މީހުންނަށް މަގުމަތީގައި ހިނގާފައި ގޮސް، ލޯކަލް ކެއުންތަކުގެ ރަހަ ބަލާލުމުގެ އިތުރުން ސުވެނިއާ ގަނެވޭނެ އެވެ. މި ތަނުގައިވާ ހިތްގައިމު މަންޒަރުތަކުގެ ސަބަބުން އާއިލާ އާއި ރަހުމަތްތެރިންނާ އެކު އަރާމުކޮށް، ވަގުތު ހޭދަކުރަން އެންމެ ރަނގަޅު ތަނަކަށް ވާނެ އެވެ.

މުރީ، ހިތްގައިމު އެތައް ތަނެއް އެކުލެވޭ ސަރަހައްދެއް

ތާރީހީ ބިނާއެއް ތަޖުރިބާ ކޮށްލަން ބޭނުންނަމަ ދާންވީ މޮހެންޖޯ-ދާރޯއަށް:

މޮހެންޖޯ-ދާރޯ އަކީ ދުނިޔޭގެ އެންމެ ހިތްގައިމު އާކިއޮލޮޖިކަލް ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެކެވެ. އެއީ ސިންދް ޕްރޮވިންސްގައި އިންޑަސް ކޯރުގެ އައްސޭރިފަށުގައި އޮންނަ ސަރަހައްދެކެވެ.

1920 ގެ އަހަރުތަކުގައި ފެނުނު މޮހެންޖޯ-ދާރޯ އަކީ ތާރީހު ދިރާސާ ކުރާ ފަރާތްތަކާއި އާކިއޮލޮޖިސްޓުން ހައިރާންކުރުވަނިވި ތަނެކެވެ. މި ސިޓީގެ މަގުތައް ހަދާފައި ވަނީ ގްރިޑް ޕެޓާންގަ އެވެ. މިކަމުން ދޭހަކޮށްދެނީ އޭރުގެ މީހުންނަކީ ސިޓީ ޕްލޭނިން އާއި އާކިޓެކްޗާ އަށް ވަރަށް ރަނގަޅަށް ދަންނަ ބައެކެވެ.

މޮހެންޖޯ-ދާރޯ، ދުނިޔޭގެ އެންމެ ހިތްގައިމު އާކިއޮލޮޖިކަލް ތަންތަނުގެ ތެރޭގައި ހިމެނޭ

މި ތަންތަނުން ޕާކިސްތާނުގެ ހަގީގީ ރީތިކަމާއި ސަގާފަތާއި ތާރީހު ދައްކުވައިދެ އެވެ. ފަރުބަދަތަކުން ފެށިގެން ސިޓީތަކާއި އާސާރީ ތަންތަނާ ހަމައަށް، ޕާކިސްތާނުގައި ކޮންމެ ދަތުރުވެރިއަކަށް ވެސް ހާއްސަ ކަމެއް ހުރެ އެވެ. އެހެންކަމުން ދެ އަންނަ ޗުއްޓީއެއްގައި ޕާކިސްތާނަށް ދަތުރެއް ރާވާލަންވާނެއެވެ.