މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ.
މި ލިޔުމުގައި ވެސް މި ގެނެސްދެނީ މެދުތެރޭ ޔޫރަޕްގެ ފަރުބަދަތަކުން ފުރިފައިވާ ގައުމެކެވެ. ސްކައި ރިސޯޓުތަކާއި ހައިކިން ޓްރެއިލްތަކަށް މަޝްހޫރު މި ގައުމަކީ ބޭންކިން އަދި ފައިނޭންސް ދާއިރާގައި ފާހަގަކޮށްލެވޭ ގައުމެކެވެ. މީގެ އިތުރުން ވެސް ސްވިސް ގަޑިއާއި ޗޮކްލެޓުގެ ބާވަތްތަކުން މުއްސަނދިވެފައިވާ ސްވިޒަލޭންޑެވެ. 9 މިލިއަނަށްވުރެ ގިނަ މީހުން އުޅޭ މި ގައުމަކީ ދުނިޔޭގެ މަރުކަޒީ ބޭންކު ނުވަތަ "ވޯލްޑް ބޭންކު" ވެސް ހުންނަ ގައުމެވެ.
ސްވިޒަލޭންޑަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އަދި ހަމަ އެހެންމެ އިގްތިސާދީ ވާދަވެރިކަމާއި، ޑިމޮކްރެޓިކް ގަވަނަންސް އަދި ނޫސްވެރިކަމުގެ މިނިވަންކަން ފަދަ ބައިނަލްއަގުވާމީ މިންގަނޑުތަކުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ގައުމެއްވެސް މެއެވެ. ފައިސާގެ ގޮތުގައި އެ ގައުމުގައި ބޭނުން ކުރަނީ "ސްވިސް ފްރޭންކް" އެވެ. އެ ގައުމުގައި ގައުމީ ހަތަރު ބަހެއް އެކުލެވޭއިރު އެ ބަސްތަކަކީ ޖަރުމަން، ފްރެންޗް، އިޓާލިއަން އަދި ރޮމޭނިޝްއެވެ.
ރާއްޖެއާއި ސްވިޒަލޭންޑާއި ދެމެދު ސީދާ ދަތުރުތައް ސްވިސް އެއާލައިން މެދުވެރިކޮށް ކުރެވެއެވެ. މީގެ އިތުރުން ވެސް އެމިރޭޓްސް، އެތިހާދް އަދި ގަތަރު ފަދަ އެއާލައިންތަކުން ސްޓޮޕް އޯވާ ދަތުރުތައް ކުރެވެއެވެ. ޓިކެޓުގެ އަގަށް ބަލާނަމަ 650 ޑޮލަރާއި 1200 ޑޮލަރާއި ދެމެދުގެ އަގެއްގައި ލިބެއެެވެ. ނަމަވެސް ދަތުރު ކުރާ ދުވަސްވަރުގެ ސަބަބުން ޓިކެޓުގެ އަގަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. ދެން މި ހިމަނާލަނީ އެ ގައުމަށް ދިއުމަށްފަހު ދަތުރުކޮށްލަން ރަނގަޅު މަންޒިލްތަކުގެ ތަފްސީލެވެ.
ލައުޓަބްރޫނެންގެ ވާދީ، ހިތްގައިމުކަމުގެ މިސާލެއް
"ވެލީ އޮފް 72 ވޯޓާފޯލްސް" ގެ ގޮތުގައި މަޝްހޫރުވެފައިވާ ލޯޓަބްރޫނެންގައި ލައިމްސްޓޯން ފަރުބަދަތަކާއި ފެހި ގަސްތަކުން ޖަރީވެފައިވާ މަންޒިލެކެވެ. 8 ކިލޯމީޓަރުގެ މި ބޮޑު ވޯޓާފޯލް އަށް ޒިޔާރަތް ކުރަން އެންމެ ރަނގަޅު ދުވަސްވަރަކީ އޮގަސްޓު މަހެވެ.
މި ވާދީއަކީ ބައިސްކަލް ދުއްވުމާއި، ޕެރަގްލައިޑިން އަދި ބޭސް ޖަމްޕިން އަށް ވެސް މަގުބޫލު ތަނެކެވެ. ފިނި މޫސުމުގައި މި ސަރަހައްދު ސްނޯ ވޮންޑަރލޭންޑަކަށް ބަދަލުވެ، ސްކައި ކުރާ މީހުންނާއި ސްނޯބޯޑަރުން އެ ސަރަހައްދަށް ޒިޔާރަތް ކުރާ މިންވަރު އިތުރުވެއެވެ. ސްވިޒަލޭންޑްގެ އެންމެ މަޝްހޫރު އަދި ފޮޓޯ ނަގާ އެއް މަންޒިލަކީ އެއީ ކަމަށްވާއިރު އެ ހިތްގައިމު މަންޒަރުތަކުން ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާއެއް ކުރެވޭނެއެވެ.
އިންޓަލޭކެންގެ އެޑްވެންޗާ ހަބް، ޖައްސާލަން ސަޅި ތަނެއް
އިންޓަލޭކެން އަކީ ގުދުރަތީ ރީތިކަމަށް ލޯބިކުރާ މީހުންނަށް އެންމެ ކަމުދާ މަންޒިލެކެވެ. އެއީ ސްވިޒަލޭންޑްގެ އަލްޕްސް ފަރުބަދައިގެ މެދުތެރޭގައި އޮންނަ އިންޓަލޭކެން އަކީ ރީތި ދެ ލޭކް ކަމަށްވާ ލޭކް ތުން އާއި ލޭކް ބްރިއެންޒް ގެ މެދުގައިވާ ތަނެކެވެ. އެ ސަރަހައްދަށް ޒިޔާރަތްކުރާ މީހުންނަށް ފެންގަނޑާއި ފަރުބަދަތަކާއި، ސްވިޒަލޭންޑްގެ ހިތްގައިމު މަންޒަރުތަކުގެ ތަޖުރިބާ ކޮށްލެވޭނެއެވެ.
އިންޓަލޭކެންގެ ވަށައިގެންވާ މަންޒަރުތައް މޫސުމާ އެކު ބަދަލުވެއެވެ. އެގޮތުން ހޫނު މޫސުމުގައި އެ ސަރަހައްދު ފުރިފައި ވަނީ ގަސްތަކާއި ސާފު ފެންގަނޑާއި ފެހި ގަސްތަކުން ފުރިފަ އެވެ. އޭގެ ބަދަލުގައި ފިނި މޫސުމުގައި މި ސަރަހައްދަކީ ސްނޯއިން ޖަރީވެ ފިނި މޫސުމުގެ ކުޅިވަރުތައް ބަލާ މީހުންގެ މެދުގައި މަގުބޫލުކަން ހޯދާ ސަރަހައްދެއްވެސް މެއެވެ.
މެޓަހޯން، ފަރުބަދައިގެ ރީތިކަން ތަޖުރިބާ ކޮށްލަން
މެޓާހޯން އަކީ ދުނިޔޭގައި ހުރި އެންމެ މަޝްހޫރު އަދި ފާހަގަކޮށްލެވޭ އެއް ފަރުބަދައެވެ. ސްވިޒަލޭންޑްގެ އަލްޕައިން ވިލެޖް ކަމަށްވާ ޒަމަޓް ކައިރީގައި ހުންނަ މެޓަހޯން އަކީ ސްވިޒަލޭންޑްގެ އަލްޕްސްގެ ވަރުގަދަ ރަމްޒެކެވެ. ޕިރަމިޑްގެ ބައްޓަމާއި އުސްމިނުގައި 4،478 މީޓަރު ހުންނަ މި ފަރުބަދައަކީ ޔޫރަޕްގެ އެންމެ ހިތްގައިމު މަންޒަރުތަކެވެ.
ފަރުބަދައިގެ ހަތަރު ދިމާލަކަށް އަމާޒުކޮށް ފަރުބަދަ ހުންނައިރު، ކޮންމެ އޭންގަލަކުން ވެސް ފެންނަނީ ސިމެޓްރިކަލް އަދި ހިތްގައިމު ގޮތަކަށެވެ. މެޓާހޯން އަކީ ދުނިޔޭގެ އެންމެ ގިނަ ފޮޓޯ ނަގާ ފަރުބަދަތަކުގެ ތެރޭގައި ހިމެނޭ ފަރުބަދައެކެވެ.
ލޭކްސައިޑް ސިޓީ ލޫސާން، ދަތުރުވެރިންގެ މެދުގައި މަގުބޫލު އެއް މަންޒިލް
ލޫސަން އަކީ ސްވިޒަލޭންޑްގެ ހިތްގައިމު ދުވަސްވީ ޓައުންތަކާއި، ހިތްގައިމު ފަރުބަދަތަކުގެ މަންޒަރުތަކާއި، މުއްސަނދި ސަގާފީ ތާރީޚެއް އޮންނަ ސިޓީއެކެވެ. ލޭކް ލޫސަރންގެ އައްސޭރިފަށުގައި އޮންނަ މި ސިޓީގެ ވަށައިގެންވަނީ ހިތްގައިމު އަލްޕައިން ފަރުބަދަތަކާއި، އަމާން ކަނޑުތަކުން ފުރިގެންވާ މި ސިޓީއެވެ.
ގުދުރަތީ ރީތިކަމާއި ސްވިޒަލޭންޑްގެ ތާރީހީ ސަގާފަތް ތަޖުރިބާ ކުރަން ބޭނުންވާ ދަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް މި ސިޓީ ވެއެވެ. ލޫސަންގެ އެންމެ ހިތްގައިމު އެއް ތަނަކީ އެތަނުގެ އޯލްޑް ޓައުން އެވެ. މި އާސާރީ މަރުކަޒު ފުރިފައި ވަނީ ކުދި ކުދި ކޮބްލްސްޓޯން މަގުތަކާއި، ކުލަގަދަ އިމާރާތްތަކާއި، ހިތްގައިމު އާންމު ތަންތަނުންނެވެ. މި އިމާރާތުގެ ގިނަ އިމާރާތްތައް ޒީނަތްތެރިކޮށްފައި ވަނީ އެ ސިޓީގެ ކުރީގެ ވާހަކަތައް ކިޔައިދޭ ރީތި ކުރެހުންތަކުންނެވެ. މި މަގުތަކުގައި ހިނގާފައި ދިއުމަކީ ސްވިޒަލޭންޑްގެ އެތައް ސަތޭކަ އަހަރެއްގެ ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ އާކިޓެކްޗާ އާއި މާހައުލު ރަމްޒުކޮށްދޭ ސަރަހައްދެއް ވެސް މެއެވެ.
