ހއ. ހޯރަފުށީގައި ބުޅަލެއް މަރައިލި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ހޯރަފުށީގައި ބުޅަލަކަށް ގަސްދުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް މައްސަލައެއް މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 19:06 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވި ނަމަވެސް ތިން މީހަކާ ސުވާލުކޮށް ތަހުގީގަށް ބޭނުންވާ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުގައި ފެންނަ ގޮތުގައި އެ ބުޅާ ދަންޖެއްސުމަށްފަހު މަރުވުމުން ދަމާފައި ދާ މަންޒަރުވެސް ފެނެއެވެ. އަދި އަނިޔާ ކުރުމަށްފަހު އެ ބުޅާ މޫދަށް ވަނީ އެއްލާލާފައެވެ. އިންސްޓަގްރާމްގައި އެ ވީޑިއޯތައް ހިއްސާ ކުރި މީހާ ބުނީ އޭނާއަށް އެ ވީޑިއޯތައް ފޮނުވާފައިވަނީ ހޯރަފުށީ މީހެއް ކަމަށެވެ. އަދި އަނިޔާކޮށް މަރާލާފައިވަނީ މާ ބަނޑު ބުޅަލެއް ކަމަށް އޭނާ ފާހަގަކޮށްފައި ވެއެވެ.
އެ އެމަލު ހިންގުމުގައި ހަރަކާތްތެރިވި ކަމަށް ބުނާ ތިން މީހެއްގެ ފޮޓޯވެސް އާންމުކޮށްފައިވާއިރު ގިނަ އަދަދެއްގެ ބަޔަކު ދަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ.
ފަހަކަށް އައިސް ދިރޭ އެއްޗިއްސަށް އަނިޔާ ކުރާ މައްސަލަތައް އިތުރުވަމުންދާއިރު އެފަދަ އަމަލު ހިންގުމަށްފަހު އެ ވީޑިއޯތައް ދައުރުކުރަމުންވެސް ދެއެވެ. އެގޮތުން މީގެ ކުރިންވެސް ބުޅަލަށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވެފައި ވެއެވެ.
