ދެ އިންތިހާބު އެއްކޮށްލާ ވޯޓަކަށްވުރެ ގާނޫނުއަސާސީގައި ބަދަލުކުރަން ޖެހޭ ދުސްތޫރީ ބޮޑެތި މައްސަލަތައްހުރި ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވުމުން އެވާހަކަތަކަށް އެޓާނީ ޖެނެރަލް، އަހުމަދު އުޝާމް ރައްދު ދެއްވައިފިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ސުއޫދު ވިދާޅުވީ، ގާނޫނުއަސާސީގައި ބަދަލުކުރަން ޖެހޭ ދުސްތޫރީ ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި ކަމަށެވެ. ނަމަވެސް އެ ކަންކަން ބަދަލުނުކޮށް ދެ އިންތިހާބު އެއްކޮށްލަން އެކަނި އުޅޭތީ މި ކަމުގައި ސަރުކާރުގެ ހެޔޮ ނިޔަތް އޮތް ކަމާ މެދު އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން އުޝާމް މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގާނޫނުއަސާސީއަށް 3 އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ:

  1. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުން
  2. ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުން
  3. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުން

އުޝާމް ފާހަގަ ކުރެއްވި ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުގެ މަސައްކަތް މިވަގުތު ކުރިއަށް ގެންދަނީ އެ އިސްލާހަކީ، އެއަށް އަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސީދާ ގާނޫނުއަސާސީއިން ލާޒިމްކުރާ އިސްލާހަކަށްވާތީއެވެ.

އަދި ގާނޫނުއަސާސީއަށް ދެން ގެންނަންޖެހޭ އިސްލާހުތަކަކީ އެއަށް އަމަލުކުރުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގާނޫނުއަސާސީ ލާޒިމްކުރާ އިސްލާހުތަކެއް ނޫން ކަމަށްވެސް އުޝާމް ވަނީ ފާހަގަ ކުރައްވާފައެވެ.

"ލޯކަލް ކައުންސިލް އިންތިހާބަށްޓަކައި މުޅި ދިވެހިރާއްޖެ ތައްޔާރުވަމުންދާ ވަގުތު، މި ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން އެކުއެކީގައި ބޭއްވުމަކީ، މުޅި ރާއްޖޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިނގާނެ ހަރަދުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމެއް"
އުޝާމް

އަދި ރާއްޖޭގައި މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެކަން ފާހަގަކޮށް އުޝާމް ވަނީ ކައުންސިލް އިންތިހާބާއެކު މިވޯޓު ބާއްވާނަމަ އެތައް ގުނައެއް ހަރަދު ކުޑަވެ، ދައުލަތުގެ ބަޖެޓަށް ލުއިވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ގާނޫނުއަސާސީއަށް ދެން ގެންނަން ބޭނުންވާ އިސްލާހުތައްވެސް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށާއި މިހާރުވެސް އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ބޭއްވުމަށް ވުރެ ގާނޫނުއަސާސީއަށް މި ވަގުތު ގެންނަން ޖެހޭ ބަދަލުތަކުގެ ގޮތުގައި ސުއޫދު ފާހަގަ ކުރެއްވީ ދައުރަކަށް ފަހު ދައުރެއް މަޖިލީހުގެ މެންބަރުންގެ އަދަދު ގިނަވެގެން ދިއުމާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަން ކޮމިޝަން (އީސީ) ފަދަ މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓުވުމުގެ މައްސަލައެވެ.

އަދި ހަމަ އެހެންމެ ސިޔާސީ މަގާމުތަކަށް ކޮންމެ ރައީސަކު ވެސް ހައްދެއް ނެތް މިންވަރަށް މީހުން އައްޔަން ކުރާ މައްސަލައަށް ވެސް ހައްލު ގެނެއުމަށް ސުއޫދު ގޮވާލާފައި ވެއެވެ. އަދި މި ހުރިހާ ކަމަކީ އިސްލާހުކުރަން ޖެހޭ ކަންކަން އެއީ އެތައް ރައްޔިތުންނާއި ސިޔާސި ހުރިހާ ޕާޓީއަކުން ވެސް ގަބޫލުކުރާ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.