ހުޅުމާލެ ފޭސް 2ގައި ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގައި ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިފައިވާކަމަށާއި މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުން އިނގޭ ގޮތުގައި އަނިޔާވެފައިވަނީ ފުލުސް މީހާގެ ރަސްމީ މަސައްކަތުގެ ތެރެއިން ނޫންކަމަށެވެ. އަދި މި ހަމަލާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައިގެ ވަށައިގެންވާކަންކަން ބަލަމުންދާކަމަށާއި، މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. އަދި ތަހުގީގު ކުރިއަށްދާ މިންވަރަކުން މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހިއްސާކުރާނެކަމަށްވެސް ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި މި ހާދިސާ ހިނގާފައިވާ ވީޑިއޯއެއް ދައުރުވަމުން ދާއިރު، މި ވީޑިއޯއިން ފެންނަ ގޮތުގައި ފުލުސް މީހާ ހިޔާ ޓަވަރުން ނެރެން މަސައްކަތްކޮށް އޭނާގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ދީފައިވެއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އެ ވަގުތު ވަށައިގެން ތިބި މީހުން އެ މަންޒަރު ވީޑިއޯކޮށްފައިވާއިރު ބައެއް ފަރާތްތަކުން ވަނީ އޭނާގެ މޫނު ދެއްކުމަށް ގޮވާފައެވެ.