2025 ވަނަ އަހަރުގެ ޑިސެންބަރު މަސް ނިމުނު އިރު، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 85 މައްސަލައެއް ރިޕޯޓުކޮށްފައި ވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 25 މައްސަލައެއް ރިޕޯޓުކޮށްފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 10 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 14 މައްސަލައަކާއި ކޮން ކުއްޖެއްކަން ނޭނގޭ ގޮތަށް ހުށަހަޅާފައިވާ 01 މައްސަލައެވެ.
ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ޖިސްމާނީ ހާނިއްކައިގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 15 މައްސަލައެއް ޑިސެންބަރު މަހު އެ ވުޒާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 13 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 03 މައްސަލައެކެވެ.
މީގެ އިތުރުން ވެސް ހުށަހަޅާފައިވާ މައްސަލަތަކަކީ:
- ޖިންސީ ހާނިއްކައިގެ 14 މައްސަލަ
- އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 11 މައްސަލަ
- ނަފްސާނީ ހާނިއްކައިގެ 06 މައްސަލަ
- އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 03 މައްސަލަ
- އެެހެން ކުދިންގެ ފަތާރުން ގަނާ ލިބުމުގެ 03 މައްސަލަ
- ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން - ބްލެކްމެއިލް ކުރުމުގެ 02 މައްސަލަ
- ކުޑަކުދިންނަށް ޖިންސީ "ގްރޫމިންގް" ކުރުމުގެ 02 މައްސަލަ
- ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 02 މައްސަލަ
- ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 01 މައްސަލަ
- އަދި ކުދިން ދޫކޮށްލާފައި ދިއުމުގެ 01 މައްސަލަ
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން ޑިސެންބަރު މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންގެ 40 މައްސަލައަކާއި ފިރިހެން ކުދިންގެ 44 މައްސަލައަކާއި އަދި ކޮންކުއްޖެއްކަން ނޭނގޭ ގޮތަށް ހުށަހަޅާފައިވާ 01 މައްސަލައެވެ.
މީގެ އިތުރުން ވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން 2025 ވަނަ އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 122 ކުދިންނެވެ. އެގޮތުން، ހިމެނެނީ 84 ފިރިހެން ކުދިންނާއި 68 އަންހެން ކުދިންނެވެ. އަދި ޑިސެންބަރު މަހު ދައުލަތުގެ ބެލުމުގެ ދަށުގައިވާ 04 ކުއްޖަކުވަނީ ޢާއިލާތަކާއި ރީއިންޓެގްރޭޓް ކޮށްފައިވާއިރު 03 ކުއްޖަކު ފޯސްޓާ އާއިލާތަކާއި ހަވާލުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އަދި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި 01 މައްސަލަ ރިޕޯޓުކޮށްފައިވާއިރު ކުޑަކުދިންގެ އަހުލާގީ މައްސަލަތަކާ ގުޅޭ 13 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. ހަމަ އެހެންމެ ް ޢާއިލީ މައްސަލަތަކާ ގުޅޭ 50 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 53 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިވުމާއި ގުޅޭ 19 މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ.
