މެޓް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ ސަރައްހަދުތަކަށް، ހާއްސަކޮށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ކުރިއަށް އޮތް 2 ދުވަހުވެސް ދުންފުހުގެ އަސަރު ރާއްޖޭގެ ސަރަޙައްދުގައި ހުންނާނެ ކަމަށް ބެލެވޭކަމަށާއި އެހެންކަމުން ހުރިހާ ފަރާތްތަކުން މިކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
އިތުރަށް އެޗްޕީއޭއިން ބުނީ ވައި ސާފު މިންވަރު ޓޫރިޒަމް މިނިސްޓްރީގެ ލިންކް މެދުވެރިކޮށް ބެލޭނެ ކަމަށެވެ.
މި ހާލަތުގައި އަމަލު ކުރުމަށް އެޗްޕީއޭއިން ދީފައިވާ ބައެއް އިރުޝާދުތައް:
- ނާޒުކު ހާލަތުގައި ތިބި މީހުން ބޭރަށް ނުކުންނައިރު ރައްކާތެރި (އެން95) މާސްކު ބޭނުންކުރުން
- ބޭރުގެ ނުސާފު ވައި ނުވަންނަ ގޮތަށް ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
- އެއާ ޕިއުރިފަޔާ ބޭނުންކުރުން
- ނާޒުކު ހާލަތުގައި ތިބި މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުން
މިފަދައިން ދިމާވަނީ ދެ މޫސުން ބެދޭ ދުވަސްވަރު ކަމަށްވާއިރު ޖައްވު ނުސާފުކޮށްލާފައިވާ ހިރަފުހުގެ ސަބަބުން، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގޫވުން އެކަށީގެންވާ ކަމަށާއި މި ދުވަސްވަރު ވާރޭފެން ނެގުމާއި ބޭނުންކުރުމުގައި ސާފުތާހިރު ކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.
ޖައްވުން މި ފެންނަ ބަދަލަކީ، ދުނިޔޭގެ ގައުމުތަކުގެ މޫސުމީ ބަދަލަކާ ގުޅިފައިވާ ކަމެކެވެ. އެ ގައުމުތަކުގެ ވައި ޖެހޭ މިސްރާބު ބަދަލުވުމުގެ ސަބަބުން، ރާއްޖޭގެ ސަރަޙައްދުންވެސް މި ބަދަލު ފެންނަމުންދެއެވެ.
