އިސްލާމް ދީނާ ހިލާފު ކަންކަމަށް ހިތްވަރުދީ، އެކަންކަމަށް ގޮވާލާ ސިޔާސީ ފިކުރަށް ފުރުސަތު ދީގެންނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ޕީއެންސީގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޖުވާކުޅުމަކީ ޖިނާއީ ކުށެއްކަމުގައި ކަނޑައެޅުއްވުމަށްޓަކައި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާ ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ދީނާ ހިލާފު ކަންކަމަށް ހިތްވަރުދޭ ފިކުރުގައި މަސައްކަތްކުރާނޭ ފަރާތްތަކައް އިންތިހާބުތަކުން ފުރުސަތު ލިބިގެންދިއުން ވެގެންދާނީ ރައްޔިތުން އަމިއްލައަށް ކުރާ ގޯސް ކަމަކަށް ކަމަށެވެ. އަދި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ހުރިހާ އާދައެއްވެސް ހުންނަންވާނީ އިސްލާމީ ގައުމެއްގައި ހުންނަންޖެހޭ ގޮތަށް ކަމަށާއި އެ ގައުމެއްގެ ކަންކަން އިސްލާހުކުރެވޭނީ އެ ގައުމެއްގެ ފަރުދުންގެ އެފަދަ ހިޔާލާތެއް ހުރިއްޔާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުން އެންމެ އިސްކަންދެނީ އިސްލާމް ދީނަށް ނަސްރުދީ، އިސްލާމްދީނުގެ ހަމަތަކުގެ މަތީން ކަންކަން ބައްޓަންކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުގެމަތީން ކުރައްވަމުންދާ ބައެއް މަސައްކަތްތަކަށްވެސް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ.
އެގޮތުން މަސާޖު ޕާލާތަކުގެ ނަމުގައި ބަދުއަހުލާގީ އަމަލުތަކުގެ ވިޔަފާރި ހިންގާ ތަންތަން ބަންދުކުރުމަށް ފަށާފައިވާ މަސައްކަތްތަކުގައި ހިމެނިގެން މަހެއްހާ ދުވަހުގެ ތެރޭގައި މާލެއިން އެކަނި، އެފަދަ 104 ތަނެއް ބަންދުކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ވަކި އަދަދަކަށްވުރެ ގިނައިން މަސްތުވާތަކެތީގެ ވަގުފާރި ކުރާމީހުންނަށް މަރުގެ އަދަބު ކަނޑައެޅޭގޮތަށް ގާނޫނު އިސްލާހުކޮށް ތަސްދީގުކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ލޯކަލް ޓޫރިޒަމްގެ ގަވާއިދު އިސްލާހުކުރައްވައި، ސަފާރީތައް ހިންގުމުގެ ގަވާއިދާ، މީހުން ދިރިއުޅޭ ސަރަހައްދުގައި ގެންގުޅެންޖެހޭނޭ މިންގަނޑާއެކު ދާދި އަވަހަށް ގެޒެޓުކުރެވޭނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިޔާސީ އޮއިވަރުގައި ދިވެހީންގެ ޝަހްސިއްޔަތު ދޫކޮށްލުމަކީ ގޯހެއް ކަމަށާއި ސިޔާސީ މީހުން ސިޔާސީ މަގުސަދުގައި ދައްކާ ވާހަކައާ މެދު އަސްލަށް ރުޖޫއަވެ، ތައައްސަބުން އެއްކިބާވެ ހުރެ އަމިއްލަ ސިކުނޑިން ވިސްނައި މިނެކިރައިފި މީހަކަށް އެކަން ގަބޫލުކުރެވޭނޭ ކަމަށެވެ.
