އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ގަވައިދާ ހިލާފަށް ސިނގިރޭޓް ވިޔަފާރި ކުރަމުން ދިޔަ މީހަކާއި ނަގުރާ ކައްކާ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

"ރިވެލި" ނަމުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި ގަވައިދާ ހިލާފަށް ސިނގިރޭޓް ވިޔަފާރި ކުރާ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ 44 އަހަރުގެ ޝުކޫރު އަލީ ނަމަކަށް ކިޔާ މިހެކެވެ.

ފުލުހުން ބުނީ، އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން 10 ސިނގިރޭޓު ފޮއްޓާއި 3200 އަށް ވުރެ ގިނަ ޑޮލަރާއި 2900 އަށް ވުރެ ގިނަ ރުފިޔާ ފެނުނު ކަމަށެވެ. ހަމައެއާއެކު އޭނާ އުޅެމުން ދިޔަ ތަން ބަަލައި ފާސްކުރުމުގެ ތެރެއިން އެތާ ތެރެއިން 32 ކާޓޫންގެ ސިނގިރޭޓާއި 13 ފޮށި ސިނގިރޭޓު ފެނިފައި ވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހަމައެއާއެކު މި އޮޕަރޭޝަންގެ ތެރެއިން މާލޭގައި ބަނގުރާ ކައްކައި ބޭނުންކޮށް، އޭގެ ވިޔަފާރިކުރަމުން ދިޔަ ތަނެއް ބަލައިފާސްކޮށް ދެ ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާ ދެ މީހުން ކަމަށްވާ 22 އަހަރުގެ މޮހަންދާސް ރަޖެންދިރަން އާއި 41 އަހަރުގެ ބަލަސުބްރަމަނިޔަން ސެލަމްއެވެ.

އެ ދެ މީހުން ވެސް ހައްޔަރުކުރީ މާލޭގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށާއި އެގޭގެ ތިން ވަނަ ފަންގިފިލާގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ގެއަކީ އެ މީހުން ކުއްޔަށް ނަގައިގެން އުޅޭ ތަނެއް ކަމަށާއި މިހާރު އެ ދެ މީހުން ވެސް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ރިވެލި ނަމުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަން އަކީ ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެތި އަދި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާއި އެ މީހުން ކުރަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެކެވެ.