ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ އެ ޕާޓީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4 ޖެހުމާއި ހަމައަށެވެ.

މި އިންތިހާބުގައި ޖުމްލަ 308 ކެންޑިޑޭޓުން ޥާދަކުރާއިރު، އެއީ ކައުންސިލްތަކަށް 183 އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓިގެ 121 ކެންޑިޑޭޓުންނެވެ.

މި އިންތިހާބުގެ ހުރިހާ ކަންތައްތައް ބެލުމާއި ހަވާލުވެ ހުންނެވި ކެމްޕެއިން މެނޭޖަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ މި އިންތިހާބުގައި ހުރިހާ ދާއިރާއަކުންވެސް އެ ޕާޓިގެ މެންބަރުން ވާދަކުރާނެ ކަމަށެވެ.

ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީ، ޕީއެންސީގައި މެންބަރުންގެ އަދަދު 70،000 އަށް އަރާފައިވާއިރު، މި ފަހަރުގެ އިންތިހާބުގައި އެމީހަކު ނިސްބަތްވާ ރަށެއްގައި އެކަނި ވޯޓު ފޮށި ބެހެއްޓުމަށް ޕީއެންސީން ވަނީ ނިންމާފައެވެ.