ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކެއް ފޮނުވާ، ބޭރު ކުންފުނިތަކަކުން ވިޔަފާރިކުރި މައްސަލައެއްގައި މއ. ހަނީސަކްލް-1، ހުސައިން ޝިފާއު، 109 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ޝިފާއު ފުރަތަމަ ހައްޔަރުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. އޭނާގެ މައްޗަށް 23 ދައުވާއެއް އުފުލާފައިވާއިރު އެ ހުރިހާ ދައުވާއެއްވެސް ވަނީ ސާބިތުވެފައެވެ. އެއާއެކު އޭނާ 109 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާއިރު، 7 މިލިއަން ރުފިޔާއިން އޭނާ ޖޫރިމަނާ ވެސް ކޮށްފައިވެއެވެ.
ޝިފާއުގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދައުވާ، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާ އަދި މަނީ ލޯންޑްރިންގެ އިތުރުން ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގެ ކުށުގެ 7 ދައުވާ އުފުލާފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާތަނަށް އިއްވި އެންމެ ދިގު ޖަލު ހުކުމަށްވާއިރު، ހުކުމްގެ މަޖިލީހުގައި ޝިފާއު ވަނީ ލުއި އަދަބެއް ކަނޑައަޅައިދޭން އެދިފައެވެ. އެގޮތުން ޝިފާއުގެ ފަރާތުން އެދުނީ ގޭ ބަންދުގެ ހުކުމެއް ނުވަތަ ހުކުމުގެ ވަކި މުއްދަތެއް ގޭ ބަންދު ކުރުމުގެ ހުކުމަކަށް ބަދަލުކޮށް ދިނުމަށެވެ.
ޝިފާއުއަށް ލުއި އަދަބެއް ދޭން ދައުލަތުން އޭނާއާއެކު އިއުތިރާފްގެ އެއްބަސްވުމެއް ކުރިން ހަދާފައިވީ ނަމަވެސް އެ އެއްބަސްވުމަކީ އެ މައްސަލާގެ ކަން ހިނގާފައިވާ ގޮތަށް ރިއާޔަތްކޮށްގެން ހަދާފައިވާ އެއްބަސްވުމަކަށް ނުވާތީ އެ އެއްބަސްވުން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
