ނޮން-ޕްރޮފެޝަނަލް ކެޓަގަރީގައި ހިމެނޭ ބިދޭސީންގެ ތެރެއިން އެއްވެސް ހުނަރެއް ނެތް (އަން ސްކްލިޑް) ބިދޭސީންނަށް ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ވޯކް ޕާމިޓް ދެވޭނެ އެންމެ ދިގު މުއްދަތަކީ 10 އަހަރު ގޮތުގައި ހަމަޖައްސައިފިއެވެ.

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި އަންސްކިލްޑް ބިދޭސީންނަށް ދޭ ވޯކްޕާމިޓްގެ އެންމެ ދިގު މުއްދަތަކީ 10 އަހަރު ކަމަށް ވަނީ ހިމަނާފައެވެ. ކުރިން އެ ހާލަތުގައި ވޯކް ޕާމިޓް ދޫކުރަނީ 5 އަހަރަށެވެ. ހަމައެއާއެކު ވަޒީފާ ދޭ ފަރާތް ބަދަލު ކުރެވޭނީ ވޯކް ޕާމިޓް ފީ ނުދައްކާތާ އެއް މަސް ދުވަސްވެ، ވަޒީފާ ދޭ ފަރާތް ބަދަލުކުރުމުގައި ވަޒީފާ ދިން ފަރާތުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް ހުށަހެޅުމުން ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައި ވެއެވެ.

އަދި ވަޒީފާ ދޭ ފަރާތުން ބިދޭސީއަކު ގެއްލިގެން ރިޕޯޓްކޮށްފައިވާ ހާލަތުގައި މިނިސްޓްރީން އެކަން އާންމުކޮށް އަންގައި އިއުލާން ކުރާ މުއްދަތުގެ ތެރޭގައި، ހާއްސަ ހާލަތްތަކެއްގައި އެ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތް ބަދަލުކުރުމުގެ އިހުތިޔާރު ވެސްލިބޭ ގޮތަށް ވަނީ އިސްލާހު ގެނެސްފައެވެ.

އެ ހާލަތުގައި ވަޒީފާ ދޭ ފަރާތް ބަދަލުކުރަން ހުށަހެޅޭނީ ވަޒީފާ ދިން ފަރާތުން ބިދޭސީ މީހާއަށް އިހުމާލުވެފައިވާކަން ސާބިތުވާ ހާލަތްތަކުގައެވެ. އެގޮތުން ބިދޭސީއަކާ މެދު އިހުމާލުވެއްޖެ ނަމަ އެ ގަވާއިދާ ހިލާފު ވެއްޖެ ނަމަ 50،000 ރުފިޔާއަށް ވުރެ މަތީ އަދަދުތަކުން ޖޫރިމަނާ ކުރާނެއެވެ.

ވޯކް ޕާމިޓް ބާތިލުކުރެވޭ ހާލަތްތައް އެ ގަވާއިދުގައި އިތުރުކޮށްފައިވާ އިރު، އޭގެތެރޭގައި ހިމެނެނީ ބިދޭސީ މީހާ ރާއްޖެއިން ފުރައިގެން ދިޔަ ކަމަށް އެކްސްޕަޓް ސިސްޓަމްގައި ވަޒީފާ ދިން ފަރާތުން އިގުރާރުވުމާއި، ގެއްލިގެން އުޅޭ ބިދޭސީއަކު މަރުވި ކަމަށް ކަމާ ބެހޭ އިދާރާއަކުން ނިންމުމާއި، ބިދޭސީއަކަށް ރާއްޖޭގެ ރަށްވެހިކަން ލިބުމެވެ.

ހަމައެއާއެކު ސިއްހީ ގޮތުން އަންފިޓް ބިދޭސީއަކު ރާއްޖެއިން ފުރަން އަންގާފައިވާ މުއްދަތުގެ ތެރޭގައި އޭނާ ފުރާފައި ނުވުމާއި، ވޯކް ޕާމިޓް ހުއްދައިގެ ދަށުން މެދުނުކެނޑި ހަތަރު މަހަށް ވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ހުރުމާއި، އިދާރީ ނުވަތަ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ވޯކް ޕާމިޓްގެ ޝަރުތު ހަމަނުވާ ބިދޭސީއަކަށް ވޯކް ޕާމިޓް ދޫކޮށްފައިވާ ނަމައެވެ.