ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަން ހަރުދަނާ ކުރުމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.
ޕީސީބީ އިން މިގޮތަށް ނިންމާފައިވަނީ، ސަރުކާރުގެ ކުންފުނިތަކާ، ސަރުކާރު ބައިވެރިވާ ކުންފުނިތަކާ، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަން ހަރުދަނާކުރުމާ ގުޅޭގޮތުން ބޭއްވި އެ ބޯޑުގެ 30 ވަނަ ޖަލްސާގައެވެ.
ޕީސީބީގެ ބޯޑުން ނިންމާފައިވަނީ ކުންފުނީގައި ރިސްކް މެނޭޖްމަންޓް ފަންކްޝަން (ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި ނުވަތަ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓްގެ ތެރޭގައި) އެކުލަވާލެވިފައިވާކަން ކަށަވަރުކުރުމަށެވެ. އަދި އެގޮތަށް އެކުލަވާލެވިފައިނުވާނަމަ ވީ އެންމެ އަވަހަކަށް ރިސްކް މެނޭޖްމަންޓް ފަންކްޝަން އެކުލަވާލުމަށް އެންގުމަށް ޕީސީބީން ވަނީ ނިންމާފައެވެ.
އިންޓާނަލް އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް ފަންކްޝަންގެ މަސައްކަތްތައް އަދާކުރުމަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަތުމަށް ނީޑް އެސެސްމަންޓް ހަދުމާއެކު އެ ފަންކްޝަނަށް ބޭނުންވާ އެންމެ އެކަށޭނަ އަދަދަށް މުވައްޒަފުން ތިބިކަން ކަށަވަރުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޕީސީބީ އިން ވަނީ ބުނެފައެވެ. އަދި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި މުވައްޒަފުން ހޯދަންޖެހޭ ހާލަތްތަކުގައިވެސް، މެނޭޖްމަންޓް މުވައްޒަފުންނަށްވުރެ އަމަލީ ގޮތުން މަސައްކަތް ކުރާ ފަންނީ މުވައްޒަފުން ނެގުމަށް އިސްކަންދިނުމަށް ޕީސީބީ އިން ވަނީ އަންގާފައެވެ.
ކުންފުނީގެ ފަރާތުން ކުންފުނީގެ އިންޓާނަލް އޮޑިޓަށް، ޕްރޮކިއުމަންޓް ރިޕޯޓް ގައިޑްލައިންގައިވާ ގޮތަށް ގަވައިދުން ހިއްސާ ކުރުމަށް އެންގާފައިވާއިރު ކުންފުނިތަކުން ހިއްސާކުރަމުންދާ ކުއާޓާލީ ފައިނޭންޝަލް ރިޕޯޓާ، އަދި އެއާއި ގުޅޭ ލިޔެކިޔެންތައް، ހިއްސާކުރާއިރު ކުންފުނީގެ އިންޓާނަލް އޮޑިޓަށްވެސް ހިއްސާކުރުމަށް ޕީސީބީން ވަނީ އަންގާފައެވެ.
ސަރުކާރު ކުންފުނިތަކުގެ ނަމޫނާ ހިންގާ ގަވައިދުގެ 41 ވަނަ މާއްދާގައިވާ ގޮތަށް ކުންފުނިތަކުގެ އޮޑިޓް ކޮމިޓީގެ ނަން 'އޮޑިޓް އަދި ރިސްކް ކޮމިޓީ'ގެ ނަމަށް ބަދަލުކޮށްފައިވާކަން ކަށަވަރުކުރުމާ، އެގޮތަށް އަމަލު ކޮށްފައިނުވާނަމަ ވީ އެންމެ އަވަހަކަށް މި ބަދަލު ގެނައުމަށް ވަނީ އަންގާފައެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޕީސީބީގެ ބޯޑުން އަންގާ އެންގުންތަކާ އުސޫލުތަކާ ގައިޑްލައިންތަކަށް ކުންފުނިން އަމަލުކުރާވަރު ދެނެ ގަނެ، މަދުވެގެން އަހަރަކު އެއް ފަހަރު ކޮމްޕަލަޔަންސް އޮޑިޓް/ރިވިއުއެއް ހަދައި ކުންފުނީގެ ބޯޑަށް، ނުވަތަ ކަމާއި ބެހޭ ބޯޑުގެ ކޮމިޓީއަށް ކުންފުނީގެ އިންޓާނަލް އޮޑިޓުން ހުށަހަޅުމަށް ޕީސީބީން ވަނީ އަންގާފައެވެ. އަދި އިސްލާހުކުރަންޖެހޭ ކަންތައްތައްތަކާ، އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންތައްތައް ހިމެނޭހެން ކުންފުނީގެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ މެކޭނިޒަމްއެއް ކުންފުނީގެ އެތެރޭގައި ގާއިމުކުރުމަށްވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން ޕީސީބީ އިން ވަނީ، އެކަންކަމުގެ ތެރެއިން ބަދަލު ގެންނަންޖެހޭ ކަންތައްތައް ބަދަލު ކުރުމުގެ މަސައްކަތް ޖަނަވަރީ 31، 2026ގެ ކުރިން ނިންމުމަށް އަންގާފައެވެ.
