ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ދެ ތަނެއް ބަންދުކޮށް އެއް ތަނަކަށް ނޯޓިސް ދީފިއެވެ.

އިމިގްރޭޝަން އިން ބުނީ، ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައި ފާސް ކުރުމަށް ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ މާލޭގައި ހިންގަމުންދިޔަ ނުވަ ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ވަނީ ދެ ތަނެއްގައި ހިންގަމުން ދިޔަ ވިޔަފާރި ވަގުތުން ހުއްޓުވައި އެއް ތަނަކަށް ނޯޓިސް ދީފައި ކަމަށް އިމިގްރޭޗަން އިން ބުނެއެވެ.

ގަވާއިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ އަބަދު ވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާ ކަން ފާހަގަކޮށް އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ ނޮވެމްބަރު މަހު ފަހުކޮޅު އެފަދަ ވިޔަފާރި ކުރާ ތަންތަން ރިޕޯތް ކުރުމަށް އަންގާފައެވެ. އެގޮތުން ގަވާއިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރިވާ 2 ގޮތެއް ފާޙަގަކޮށް އެ މިނިސްޓްރީން ބުނެފައި ވަނީ އެއީ ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތައް ހިމެނޭ ކަމަށެވެ.

މިކަމަށް ހާއްސަކޮށް ހިންގާ އޮޕަރޭޝަންގެ ތެރޭގައި މި މަހުގެ 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މާލޭގައި ހިންގަމުން ދިޔަ ހަތަރު މަސާޖު ޕާލަރެއް ބަލައި ފާސްކޮށްފައެވެ. އަދި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ހަމައެއާއެކު އެ ދުވަހުގެ މާލޭގެ 8 ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުން ދިޔަދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ނޯޓިސްއާއެކު ދެ ވިޔަފާރިއެއް ބަންދުކޮށްފައިވެއެވެ.

ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ނަމަވެސް، އެކަމަށް ހައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ނުވާ ނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މައުލޫމާތު ހޯދައި، ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.