ގާނޫނާ ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށްކޮށްގެން ފައިސާ ހޯދާ، މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިންގި ބަންގްލަދޭޝް މީހާގެ އަދަބު ކްރިމިނަލް ކޯޓުން ލުއިކޮށްދީފިއެވެ.
މި މައްސަލައިގައި އަދަބު ލުއިކޮށްދީފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޝަހާދަތު ހުސައިން (34އ) ށެވެ. އެގޮތުން ގާނޫނާ ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން ގެނެސް ވިޔަފާރިކުރި މި ނެޓްވޯކުގައި ގިނަ އަދަދެއްގެ ދިވެހިންވެސް ބައިވެރިވެފައިވާއިރު، މި ނެޓްވޯކުގެ ތެރެއިން ހައްޔަރުކޮށްފައިވާ ބިދޭސީ މީހާއަކީ، ފޮޅައި ސާފު ކުރުމުގެ މަސައްކަތަށް ރާއްޖެ ގެނެސްފައިވާ މީހެކެވެ.
ޝަހާދަތު ނަމަކަށް ކިޔުނު މި ބިދޭސީ މީހާ ރާއްޖޭގައި ގަވާއިދާ ހިލާފަށް އެމްޕްލޯއިމަންޓް އެޖެންސީއެއް ހިންގަމުން ގޮސްފައިވާއިރު، ފުލުހުން ބުނީ ޖުމްލަ 4 ވޯކް ޕާމިޓެއްގައި ޝަހާދަތު 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުޅެފައިވާ ކަމަށެވެ. އަދި 2019 ވަނަ އަހަރު ޝަހާދަތު ހުސައިން އޭނާގެ ނަމުގައި ބީއެމްއެލްގައި ޖުމްލަ 6 އެކައުންޓް ހުޅުވާފައިވާކަން ފުލުހުން ފާހަގަކުރެއެވެ. އެއީ ދިވެހި ރުފިޔާގެ 3 އެކައުންޓާއި ޔޫއެސް ޑޮލަރުގެ 3 އެކައުންޓްއެވެ.
ޝަހާދަތު ހުސައިންގެ ވޯކް ޕާމިޓް ފީ ޖުލައި 27، 2024ގެ ނިޔަލަށް ހަމަވެފައިވާ ކަމަށް ނުވަތަ ފީ ނުދެއްކުމުގެ ސަބަބުން ވޯކް ޕާމިޓް ސްޓޭޓަސް އެކްސްޕެއާ ވެފައިވާކަން އެކްސްޕަޓްސް ސިސްޓަމްއިން އެގޭކަން ފުލުހުންގެ ތަހުގީގު ވަނީ ހާމަވެފައެވެ. ޝަހާދަތު ހުސައިން މާލޭގައި އުޅެފައި ވަނީ 18،000 ރުފިޔާއަށް 2 ކޮޓަރީގެ އެޕާޓްމެންޓްއެއް ކުއްޔަށް ނަގައިގެންކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން ޝަހާދަތުގެ މައްޗަށް ކުރި ދައުވާތަކަށް އޭނާ ވަނީ އިއުތިރާފުވެފައެވެ. އަދި ދައުލަތާ އެކު އެއްބަސްވުމެއް ހަދަން ބޭނުންވާ ކަމަށް ޝަހާދަތު ބުނުމާ އެކު، އަދަބުތައް ލުއިވާ ގޮތަށް ދައުލަތުން ހެދި އެއްބަސްވުން ޝަރީއަތުން ވަނީ ބަލައިގަނެފައެވެ. އެއާއެކު އޭނާއަށް ވަނީ 2 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައެވެ.
އިއުތިރާފު އެއްބަސްވުމާއި އެއްގޮތަށް ދައުލަތުން 3 ދައުވާއެއް އަނބުރާ ގެންގޮސްފައިވާއިރު ޝަހާދަތުގެ މައްޗަށް ދެން ކޮށްފައިވަނީ މަނީލޯންޑްރިން އާއި ރިޝްވަތު ދިނުމުގެ ދައުވާ އެކަންޏެވެ. މަނީ ލޯންޑްރިންގެ ދައުވާއަކީ ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާ އެކު 10،000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ނަމަވެސް، ޝަހާދަތު އިއުތިރާފުވެފައިވާތީ އެއްބަސްވެފައިވަނީ އޭނާގެ މައްޗަށް 2 އަހަރާއި 6 މަހުގެ މުއްދަތަށް ޖަލަށްލުމާ އެކު 53،400 ރުފިޔާއިން ޖޫރިމަނާކުރުމަށެވެ.
މީގެއިތުރުން ރިޝްވަތު ދިނުމުގެ ދައުވާއަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނަ ކުށެއް ނަމަވެސް، އެއްބަސްވެފައިވަނީ ޝަހާދަތުގެ މައްޗަށް 6 މަސް ދުވަހުގެ ޖަލު ހުކުމަކާ އެކު 21،600 ރުފިޔާގެ ޖޫރިމަނާއަކަށެވެ. މި އަހަރު ކުރީކޮޅު ޝަހާދަތު ހައްޔަރުކުރިއިރު އޭނާ ބަންދުގައި ހުންނަތާ 10 މަހާއި 17 ދުވަސް ވެފައިވާތީ މި މުއްދަތު އޭނާގެ ބަންދު މުއްދަތުން އުނި ކުރުމަށްވެސް ވަނީ ނިންމާފައެވެ.
