ރ. ދުވާފަރުގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފިއެވެ.

މި ހިދުމަތް ފަށާފައިވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ރ. ދުވާފަރަށް ވަޑައިގެންނެވެ.

ރައީސްގެ މި ދަތުރުފުޅުގައި އާރްޓީއެލް ބަހުގެ ހިދުމަތުގެ އިތުރުން ދުވާފަރުގައި 50 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ.

އެގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

މީގެއިތުރުން ދުވާފަރުގައި ފެށުމަށް ނިންމާފައިވާ ބައެއް މަޝްރޫއުތަކުގެ ތެރޭގައި ދުވާފަރު ބަނދަރު ބޮޑުކުރުމާއި، ފުލުހުންގެ މަރުކަޒެއް ގާއިމުކުރުމުގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އަމަލީ މަސައްކަތް އަދި ދަނާލެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ފާހަގަކުރެވޭ ގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި މިއަދު ވަނީ ދުވާފަރުގައި ހިއްކި ބިމުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެއްސީއާ ވެސް ހަވާލުކޮށްފައެވެ. ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުއްތަލިބާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދެވެ.